28 Feb 2012, 11:57
އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ފަށާފައިވާ ދިގު މުޒާހަރާގެ ތެރޭގައި ބަނގުރާ ބޮއެ މަސްތުވެގެން ތިބޭ މީހުން އުޅޭ ކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ފުލުހުންނަށް ހުށަހަޅަން ފަށައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ކުރިއަށްގެންދާ ނުނިމޭ މުޒާހަރާ ތެރޭ ބަނގުރާ ބޮއެ މަސްތުވެގެން ތިބޭ މީހުންގެ އިތުރުން މާރާމާރި ހިންގާ ބައެއް ގުރޫޕްތަކަށް ނިސްބަތްވާ މީހުން ބައިވެރިންވެގެން އުޅޭ ކަމުގެ ޝަކުވާތައް ވެސް އާންމު ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ސަރަހަށްދަކީ ބަންދު ދުވަސްތަކުގައި ގިނަ އާއިލާތަކެއް ހިތްހަމަޖައްސާލާށާއި އެހެން ވެސް ބޭނުންތަކުގައި މީހުން ގޮސް އުޅޭ ސަރަހައްދަކަށްވެފައި ގިނަ ދުވަސްތަކެއް ވަންދެން ސަރަހައްދު ބަންދުވެފައި އޮތުމުން ވެސް ބައެއް ފަހަރާތްތަކުން ވަނީ ފުލުހަށް ޝަކުވާ ހުށަހަޅާފަ އެވެ.
މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ދިގު މުޒާހަރާއަށް ލޮނުޒިޔާރަތްކޮޅުގެ އެ ސަރަހައްދު އެ ޕާޓީއަށް ދޫކޮށްފައި ވަނީ އަންނަ މާޗު މަސް ނިމެންދެނެވެ. އެ ޕާޓީން އެ ސަރަހައްދު ބޭނުން ކުރަން ފެށީ ފެބުރުއަރީ 17 ގައި ސަރުކާރާ ދެކޮޅަށް އެ ޕާޓީން ބޭއްވި އިންސާފުގެ ދަތުރުގެ ބޮޑު މުޒާހަރާއިންނެވެ. އޭގެ ފަހުން ޓެންޓްތައް ޖަހައި ނިދުމާއި ކެއުމާއި މުނިފޫހި ފިލުވުމުގެ ކުޅިވަރުތަކާއެކު ބައެއް އެއްޗިހި ވިއްކާ ސްޓޯލްތަކާއި ކެންޓީނު ޒާތުގެ ތަންތަން ވެސް އެ ސަރަހައްދުގައި ވަނީ ގާއިމުކޮށްފަ އެވެ.
މީގެ ކުރިން އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާ ގިނަ ރައްޔިތުންގެ ތަކެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށްބުނެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކެޕްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ސަރަހައްދާ ގުޅިގެން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ބަލަން ފަށާފައިވާ ކަމަށެވެ.