ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަންސް (އީސީ)ން ހުއްދަ ދީފިއެވެ.

އީސީން އެ ހުއްދަ ދިނީ އެމްއެންޕީ ރެޖިސްޓްރީ ކުރަން އެ ޕާޓީން މިމަހުގެ 15ގައި އެ ކޮމިޝަނަށް މެންބަރުންގެ ސޮއި ހުށަހެޅި ފަހުންނެވެ.

އެމްއެންޕީން ބުނީ އެ ޕާޓީ ރެޖިސްޓްރީ ކުރަން 5،000އަށް ވުރެ ގިނަ މެންބަރުންގެ ސޮއި ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި އީސީއަށް ހުށަހަޅާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ޕާޓީ ހިންގުމާއި އަސާސީ ގަވާއިދާއި މައިގަނޑު މެނިފެސްޓޯއާ ބެހޭ ގޮތުން ނިންމުންތައް ނިންމުމަށް ބައްދަލުވުމެއް ބާއްވާން ވާނެއެވެ. އަދި އެ ބައްދަލުވުމުގައި ޕާޓީއަށް ސޮއި ކުރި މީހުންގެ ތެރެއިން 300 މީހަކު ބައިވެރިވާން ވާނެއެވެ.

އެ ބައްދަލުވުމުގައި ނިންމަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ނަން، އަސާސީ ގަވާއިދު އަދި ދާއިމީ މަގާމުތަކަށް މީހުން ހޮވެންދެން ޕާޓީ ތަމްސީލު ކުރާނެ ފަރާތްތައް އައްޔަން ކުރުން ހިމެނެއެވެ.

އީސީން ޕާޓީ ރެޖިސްޓްރީ ކުރާނީ އެ ބައްދަލުވުމާ ބެހޭ ތަފްސީލު ހިއްސާ ކުރުމުން، އެ މައުލޫމާތަށް ބެލުމަށް ފަހުގައިއެވެ.

އެހެންކަމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން އެމްއެންޕީން ތައްޔާރު ވަމުންދާ ކަމަށް "ސަން"އަށް ވަނީ އެނގިފައިއެވެ.