28 Feb 2012, 11:30
ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި ގިނީސްބުކް އޮފް ވޯލްޑް ރެކޯޑަށް ނޭޕާލްގެ މީހަކު އަރައިފި އެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއާ ހުޅަނގު ދެކުނުގައި އޮންނަ ރީމްހޮލި ކިޔާ އަވަށަކަށް އުފަން ޗަންދުރަ ބަހާދޫރު ޑަންގި ނަމަކަށް ކިޔާ މިމީހާގެ އިސްކޮޅަކީ 54.6 ސެންޓިމީޓަރެވެ. އެއީ ގާތްގަނޑަކަށް ހަ ކޯކް ދަޅުގެ ދިގު މިނެވެ.
ޑަންގިގެ އުމުރުން 12 އަހަރު ޔަތީމުވުމުން އޭނާ ދިރިއުޅެމުން އައީ ތިމާގެ މީހުންނާއެކުގަ އެވެ. އަދި ބައެއް ފަހަރު އެމީހުންގެ އަތްމަތި ދަތިވާ ހާލާތްތަކުގައި އެ އަވަށުގައި ބާއްވާ ބައެއް ކަހަލަ ޝޯތަކުގައި އޭނާ ޑިސްޕްލޭއަކަށް ބަހައްޓައިގެން ލާރި ހޯދާކަމަށް ޑަނގިއާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އުމުރުން ވަރަށް ކުޑަ އިރުން ފެށިގެން އޭނާއަކީ ވަރަށް މުރާލި މަސައްކަތްތެރި މީހެކެވެ. އެގޮތުން އާމްދަނީ ހޯދުމަށްޓަކައި ކުނާ ވިޔުމާއި ތާކިހާ ފަދަ ތަކެތި ވިއުމަކީ އޭނާގެ ދުވަހުގެ މަސައްކަތެވެ.
މިއީ ކުރިން އެ ރެކޯޑް އޮތް ފިލިޕީނޯ ޖުންރޭ ބަލަވިން އަށް ވުރެ 5.3 ސެންޓިމީޓަރު ކުރު އިސްކޮޅެެއް ޑަންގި އަށް ވަނީ ލިބިފަ އެވެ.
ދުނިޔޭގެ އެންމެ ކުރި މީހާގެ ގޮތުގައި މީގެކުރިން ރެކޯޑް ފޮތުން ޖާގަ ހޯދި އިންޑިޔާގެ ގުލް މުހައްމަދަށްވުރެ ޑަންގީގެ އިސްކޮޅު 2 ސެންޓިމީޓަރު ކުރުވުމާއި ގުޅިގެން މިއީ މިހާތަނަށް ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި ރެކޯޑް ކުރެވުނު މީހާ ކަމަށް ވެސް ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑްގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވެ އެވެ.
އިންޑިޔާގެ ގުލް މުހައްމަދުގެ އިސްކޮޅުގައި ހުންނަނީ 57 ސެންޓި މީޓަރެވެ. 1997 ގަ އޭނާ މަރުވިއިރު އުމުރަކީ 40 އަހަރެވެ.
އުމުރުން 72 އަހަރުގައި ރެކޯޑް ފޮތުން އެންމެ ކުރުމީހާގެ މަގާމު މިހާރު ހޯދާފައިވާ ޑަންގިގެ އުއްމީދަކީ މި ރެކޯޑާއެކު އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައުމެވެ. އަދި ޑަންގިގެ ވެސް އުއްމީދަކީ 2010 ވަނަ އަހަރު އެ ރެކޯޑް ހޯދި ނޭޕާލްގެ މީހާ ފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުވުމެވެ.