ރާއްޖޭގައި ބަނގުރާ އާންމު ވަމުންދާތީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުއްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. ވަހީދު އަރިހުގައި ފުވައްމުލަކަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ އެތައް ކަމެއް ރާއްޖޭގައި އާންމުވެފައިވާ ކަމަށާއި އެކަންތައްތައް ނުހުއްޓުވި ހުރީ ޒަމާނީ ތަރައްގީއާއެކު އަންނަ ކަންކަން ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން ނޭދެން ބަނގުރާ ފެންނަން ނުޖެހޭ ތަންތަނުން ބަނގުރާ ފެންނާކަށެއް. އަޅުގަނޑުމެން ނޭދޭން ބަނގުރާ ބޯން ނުޖެހޭ މީހުން ބަނގުރާ ބޯކަށެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މުޖުތަމައުގައި ބަނގުރާ އާންމުވެގެން މިދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފުރިހަމަ ގޮތުގައި ފުލުހުންގެ ބޭނުންކޮށް، އެކަމުގެ ހައްލު ހޯދުމަށް އިރާދަ ކުރެއްވިއްޔާ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ކުށްވެރިން މުޖުމަތަމައުމަށް އަބުރާ ގެނައުމަށް ކުރާ މަސައްކަތަކީ ހޯމް މިނިސްޓްރީގެ ދަށުން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި ޖަލުގައި ތިބޭ މީހުން މުޖުތަމައަށް ނެރުމަށް ހަރުދަނާ ނިޒާމެއް ތައާރަފު ކުރަން ޖެހޭ ކަމަށެވެ.

"މިހާރުން މިހާރަށްވެސް ހާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ ކަމެއްގެ ގޮތުގައި ހުކުމް ތަންފީޒު ކުރުމުގެ ނިޒާމުގައި މިހާރު އޮތް ދެވަނަ ފުރުސަތަށްވުރެ ހަރުދަނާ ގޮތެއްގައި ޕެރޯލް ނިޒާމް ތައާރަފް ކޮށް ފުޅާދާއިރާއެއްގައި ދިވެހި ރައްޔިތުން އަނބުރާ މުޖުތަމައުއަށް ގެނެވޭނެ އިރާދަކުރެއްވިއްޔާ ﷲގެ ހެޔޮ ރަހުމަތްފުޅާއެކު ގާއިމު ކުރާނަން." ޖަމީލު ވިދާޅުވި އެވެ.

ހަމަ އެއާއެކު ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވާ މައްސަލައަށް ހައްލެއް ހޯދުމަށް ހޯމް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަންތައްތައް ރަނގަޅު ކުރެވޭނީ ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށާއި މިހާރު މި އޮތް ވެރިކަމަކީ ގަނޫނީ ވެރިކަމެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

އަދި މިހާރު އުފެދިގެން އުޅޭ މައްސަލަތައް ހައްލު ކުރުމަށް ރައްޔިތުނަށް އެކަންކަން ދޫކޮށްލަން ޖެހޭ ކަމަށާއި ރާއްޖޭގެ މައްސަލައިގައި ދުނިޔޭގެ އެހެން ފަރާތްތަކުން "ދާހިލު" ނުވުމަށް ހޯމް މިނިސްޓަރު ގޮވާލެއްވި އެވެ. އަދި މި ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭވަރުގެ ގާބިލު މީހުން މި ގައުގައި އެބަތިބި ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދޭ ގޮތަކީ ދުނިޔޭގައި އެހެންވެސް ތަހްޒީބުވެފައިވާ ގައުމުތަކުގައި ކަންކަން ހިނގާ އުސޫލުން އަޅުގަނޑުމެންގެ މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެނަށް ދޫކޮށްލުން. އަޅުގަނޑުމެންގެ މައްސަލައިގެ ތެރެއަށް އެހެން ފަރާތްތަކުން ދާހިލު ނުވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،"