ކާމިޔާބު އެކްޓަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

ޓައިގާއާއެކު މި ފިލްމުގެ ލީޑު ރޯލު ކުޅޭނީ 2019 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ތާރާ ސުތައިރާއެވެ. އަންނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު މި ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ވަނީ ނިންމާފައެވެ.

ހީރޯޕަންތީ 2 އަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. 2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ޓައިގާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

ހީރޯޕަންތީ 2 ޑައިރެކްޓް ކުރާނީ އަހްމަދު ހާން އެވެ. ފިލްމުގެ ދެވަނަ ބައިގެ މިއުޒިކް ހަދާނީ އޭ އާރު ރަހްމާންއެވެ. މި ފިލްމުގެ އަންހެން ލީޑުން ތާރާ ފެނުނު ނަމަވެސް މި ފިލްމުގެ ފުރަތަމަ ބައިން ފެނުނީ ބަތަލާ ކްރިތީ ސެނަންއެވެ.

ކްރިތީ އާއި ޓައިގާ ބޮލީވުޑަށް ތައާރަފްވީ ވެސް ހީރޯޕަންތީއިންނެވެ.

އެކްޓަރު ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ "ބާގީ 3" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވީ ޝްރައްދާ ކަޕޫރު، އަންކިތާ ލޯކަންޑޭ އަދި ރިތޭޝް ދޭޝްމުކްއެވެ.