27 Sep 2021, 20:24
އާސަހަރާގެ ހިނަވާގޭ ތެރެއިން އިވުނީ ގިސްލުމާއި ރުއިމުގެ އަޑެވެ. މުޅި މާހައުލު ހިމޭންވެފައި އޮތްއިރު، އެތަނުގައި ހުރި ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ހިތާމަވެރިކަމުގެ ކުލަވަރެވެ.
މީގެ ދެ ދުވަސްކުރިން އިންޑިއާގެ އަސްކަރީ ތަމްރީނެއްގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރުގެ ހިތާމައިގައި މުޅި އާސަހަރާގައި ވަނީ މޮޅީގެ ސާލެއް ލެވިފައެވެ.
އާސަހަރާ ތެރެއަށް ވަދެވުމާއެކު ކުރެވުނީ ތަފާތު އިހްސާސެކެވެ. ދިވެހި ގައުމުގެ ދިފާއުގައި ނުކުންނަން ތައްޔާރަށް ތިބި ހިތްވަރުގަދަ ސިފައިންގެ މޫނުމަތިން ވެސް ފެނުނީ މޮޅިވެރިކަމާއި މާޔޫސީކަމުގެ ކުލަވަރެވެ. ފެންކަޅިވެފައިވާ ހާލު ސިފައިންގޭގެ އޮފިސަރުން ވެސް ތިބީ އިސް ޖަހައިލައިގެންނެވެ.
އެތަނުގައި އެކަކު އަނެކަކާ ވާހަކަ ނުދެއްކި ނަމަވެސް ކޮންމެ މީހެއްގެ މޫނުމަތިން ވެސް ތަފާތު މެސެޖެއް ދެއެވެ. ހިނަވާގޭގެ ބޭރުގައި އޮތީ ކިޔޫ ދަމާލައިފައެވެ.
އެއީ މަރުހޫމް ސުލްތާންގެ ގާތް އެކުވެރިންނެވެ. ކިޔަވައިދެއްވި ޓީޗަރުންނެވެ. ތަމްރީނު ކޮށްދެއްވި މުދައްރިބުންނެވެ. ސުލްތާންގެ މުދައްރިބުކަމުގެ ދަށުގައި އުނގެނުނު އެތައް ދަރިވަރުންނެކެވެ.

ސުލްތާންގެ މޫނު ބެލުމަށް ގިނަ ބަޔަކު ހިނަވާގޭ ކުރިމަތީ ކިއޫ ދަމާލައިފައި -- ސަންފޮޓޯ/ ޢާލިމް އަބްދުއްލަތީފް
ބޮނޑިވެފައިވާ މީހުންތަކުގެ ތެރޭގައި ސުލްތާންގެ މޫނު ބަލައިލުމުގެ ޝަރަފު ލިބިގަތުމުގެ ފުރުސަތު ހޯދަން ހުރީމެވެ. ވަށައިގެން ތިބި ކޮންމެ މީހެއްގެ ލޯ ވެސް ވަނީ ފެންކަޅިވެފައެވެ.
އިރުއިރުކޮޅާ ފެންނަނީ ކޮންމެވެސް މީހަކު ލޯ ފޮހެލާ މަންޒަރެވެ. ނުވަތަ އިސްޖަހައިގެން ހުރެ ރޯ މަންޒަރެވެ. އެފަަދަ މީހުންނަށް ހިތްވަރު ދިނުމުގައި ބައެއް މީހުން ތިއްބެވެ.
ސުލްތާންގެ މޫނު ބަލައިލުމުގެ ޝަރަފު ލިބިގަތުމަށް ހިނަވާގޭ ތެރެއަށް ވަނީމެވެ. އެތަނުގެ ތެރެއިން ފެނުނީ ވޭނީ މަންޒަރެކެވެ. ސުލްތާންގެ އާއިލާގެ މެންބަރުން ގިސްލަގިސްލާ ރޯ މަންޒަރެވެ.
ސުލްތާންގެ ބޮލުގެ ކަނާއަތް ފަޅީގައި އޭނާގެ ލޮބުވެތި މަންމަ ހުރީ ފެންކަޅިވެފައިވާ ހާލު ސުލްތާންގެ ގައިގައި ފިރުމާލަ ފިރުމާލައެވެ. ސުލްތާންގެ މަންމަގެ ދެ ފަޅީގައި ސިފައިންގޭގެ ދެ އަންހެން ބޭކަނބަލުން ތިއްބެވިއެވެ.
ސުލްތާންގެ މަންމަގެ މޫނުން ބުނެދެނީ އެތައް ވާހަކައެކެވެ. ސުލްތާނާ ދިމާއަށް އެ މަންމަ ބެލި ބެލުމުން، ކޮށްފައިވާ އަސަރު ވަރަށް ރަނގަޅަށް ހާމަވެއެވެ. އެ އިހުސާސްތައް ދުލާއި ގަލަމުން އެކަކަށް ވެސް ބަޔާން ނުކޮށްދެވޭނެއެވެ.
ކަށު ނަމާދު
ސުލްތާންގެ ކަށު ނަމާދު ކުރުން އޮތީ މަޣްރިބު ނަމާދަށް ފަހުގައެވެ. ބަންގި ގޮވުމުގެ މާ ކުރިން މިސްކިތުގެ ބޭރާ އެއްކޮށް ސަފު ހަދައި ފުރައިލައިފިއެވެ.
ހިމަފޮރު ވާރޭ ވެހެމުންދިޔަ ނަަމަވެސް އެކަމަކަށް އެ ވަގުތު އެކަކު ވެސް ފަރުވާލެއް ނުބަހައްޓައެވެ. ސަހަރާ ކުރިމައްޗަށް ވާ ގޮތަށް އޮންނަ މަގު ވެސް އޮތީ އެއްކޮށް ފުރިފައެވެ.
ސުލްތާންގެ ކަށު ނަމާދު އިމާމުވެ ކުރެއްވީ އައްޝެއިހް އިބްރާހިމް ފަރީދެވެ. އިމާމުވެ ނަމާދު ކުރައްވަން ފެއްްޓެވުމުގެ ކުރިން މައުމޫމުންނާ މުޚާތަބުކޮށް ޝެއިހް ވާހަކަ ދެއްކެވިއެވެ.
" އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި އަޚާއަކީ ބަރާބަރަށް ފަރުޟު ފަސްނަމާދުކޮށް، މީހުންނަށް ހެޔޮ، ހިތްހެޔޮ އަޚެއް" ޝެއިހް ފަރީދުގެ ވާހަކައިގެ ތެރެއިން ވިދާޅުވިއެވެ.
ކަށުނަމާދު ކުރުމަށްފަހު، ސުލްތާންގެ ސަންދޯއް މިސްކިތުން ބޭރަށް ނެރެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އަސަރުގަދަ މަންޒަރެކެވެ. ދުވަމުން ދުވަމުން ހިނަވާގޭތެރެއިން ނުކުމެފައި އައީ ސުލްތާންގެ ލޮބުވެތި މަންމައެވެ.
ކަރުނަވީ ލޮލަލުން ދަރިފުޅުގެ ސަންދޯކާ ދިމާއަށް ބަލަހައްޓައިގެން ސުލްތާންގެ މަންމަ ހުއްޓެވެ. ގާތުގައި ދެ ސިފައިންގެ އޮފިސަރުން ތިއްބެވިއެވެ. ހިތްވަރު ކުރުމަށް ނަސޭހަތް ދެމުންނެވެ.
" މަންމަ އެއްފަހަރު އަތް ޖައްސާލަން، އެއްފަހަރު އަތް ޖައްސާލަން" ރޮވިފައިވާ އަޑަކުން ސުލްތާންގެ މަންމަ އެދުނީ ދަރިފުޅުގެ ސަންދޯކުގައި އެންމެ ފަހަރަކު އަތްޖައްސާލުމުގެ ފުރުސަތު ދިނުމަށެވެ.
އެ ފުރުސަތު ދިނުމުން ސުލްތާންގެ މަންމަ ސަންދޯކުގެ ގާތަށް ގޮސް ތިރިވިއެވެ. އަދި ސުލްތާންގެ ސަންދޯކުގައި އެންމެ ފަހު ފަހަރަށް އަތް ޖައްސާލުމަށްފަހު އެނބުރި އައެވެ.
ދިވެހި އަސްކަރިއްޔާގެ ރަސްމީ އިއްޒަތުގައި ސުލްތާން ވަޅުލުމަށްޓަކައި ސަންދޯއް ގެންދަން ފެށުމުން ސުލްތާންގެ މަންމަގެ ބަޑިފަަޅައިގެން ދިޔައެވެ. އެހެން ނަމަވެސް ކެތްތެރިއެވެ.
ކޮމާންޑަރުގެ ކޮމާންޑާއެކު ލަސްހިނގުމުގައި ސިފައިންގެ ހަތަރު އޮފިސަރުން ސައްދޯއް ހިއްލައިލައިގެން ގެންދިޔައެވެ. ސުލްތާން ވަޅުލެވުނީ ރަސްމީ އިއްޒަތުގައެވެ.
ސުލްތާންގެ ސައްދޯއް ވަޅަށް ތިރި ކުރީ ސިފައިންގެ އޮފިސަރުންނެވެ. އަދި ސަންދޯއް މަތީގައި އަޅައިފައި އޮތް ސިފައިންގެ ރަސްމީ ދިދަ ސުލްތާންގެ ބައްޕައަށް އެރުވިއެވެ.

ސިފައިންގެ ރަސްމީ އިއްޒަތުގައި ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންދަޔައިރު އޭނާގަ ބައްޕައާ ދިދަ ހަވާލުކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ޖަނާޒާއަށް އައިސް ތިބި އެންމެން ސުލްތާންއަށް ދޭ އެންމެ ފަހުގެ ހަދިޔާއެއްގެ ގޮތުން ތިން މުށް ފަސް އުކިއެވެ. އަދި އެއަށްފަހު ޖަނާޒާގެ ބައިވެރީންނާ ޝެއިހް ފަރީދު މުޚާތަބު ކުރެއްވިއެވެ.
ގިނަ ނަސޭހަތްތަކެއް ދެއްވުމަށްފަހު ސުލްތާންގެ ފާފަފުއްސަވާ ރަހުމަތްލެއްވުން އެދި، ޤިބުލައަށް އެނބުރި ދުޢާ ކުރިއެވެ.

ސިފައިންގެ ރަސްމީ އިއްޒަތުގައި ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ސުލްތާން އަބަދުވެސް ދުށް ހުވަފެނަކީ ސިފައިންގޭގެ އޮފިސަރަކަށް ވުމުގެ ހުވަފެނެވެ. އެ ޝަރަފު ސުލްތާނަށް ނުލިބުނު ނަމަވެސް މިއަދު ސުލްތާން ވަކިވެގެން އެ ދިޔައީ ގައުމީ ބަތަލެއްގެ ގޮތުގައެވެ. މުޅި ގައުމު ވެސް ފަޚުރުވެރިވާ ދަރިއެއްގެ ގޮތުގައެވެ. މުޅިި ގައުމު އޭނާއަށް މިއަދު ކުރުނީސް ކުރެއެވެ.