27 Sep 2021, 21:47
"މިނިވަންކަމުގެ ދިފާއުގައި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ ހާއްސަ ކެމްޕެއިނުގައި ބައިވެރިވުމަށް އެދި އެ ކޯލިޝަނުން ދައުވަތު ފޮނުވި އެއްވެސް ޕާޓީއެއް ދައުވަތު ގަބޫލުކޮށްފައިނުވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުގެ ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ފަރާތުން ވާހަކަދައްކަވަމުން އެ ޕާޓީއާ ފަހުން ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ އެއްވެސް ޕާޓީއަކުން ދައުވަތު ގަބޫލްކޮށްފައިނުވާކަމަށެވެ. އަދި އެ ހަރަކާތުގައި އެ ޕާޓީތައް ބައިވެރިނުވާނެކަމަށެވެ.
"ދިވެހިރާއްޖޭގައިވާ ވަރަަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާނީ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން މިކަމުގައި ބައިވެރިވެފައެެއްނުވޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވާކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މި މަހުގެ 19ވަަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތާ ގުޅުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އެއީ ގައުމީ ހަރަކާތެއްކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.
ހަމައެއާއެކު މިދިޔަ ހުކުރު ދުވަހު ބާއްވަން ނިންމި ޖަލްސާ ދެން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ. ހުކުރު ދުވަހުގެ ރޭ އޮތް ޖަލްސާ ފަސްކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.
މީގެކުރިން އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުން ވަނީ މި ޖަލްސާއަަށް ހުރިހާ ފިކުރެއްގެ ރައްޔިތުންނަށް ވެސް ދައުވަތު ދީފައެވެ.
ހަމައެއާއެކު "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތުގެ ރަސްމީ ލޯގޯއާއި ލަަވައެއް އިފްތިތާހުކުުރުން ވެސް އެ ޖަލްސާގެ ތެރެއިން ކުރިއަށް ދާނެކަމަށް އެ ކޯލިޝަނުން ބުންޏެވެ.
ޕީޕީއެމުން ބުނީ އެ ޖަލްސާއަކީ މިއަދު ގައުމުގެ ހާލަތާމެދު އޮތް ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއްކަމަށެވެ. އެގޮތުން މިނިވަންކަމާ މެދު އޮތް ކަންބޮޑުވުން ފާޅުކުރުމަކީ އެންމެ ބޮޑު މަގްސަދުކަމަށް އެ ކޯލިޝަނުން ބުންޏެވެ.