ދިމިޝްޤު (ފެބްރުއަރީ 28) : ސޫރިޔާގައި އަލަށް އެކުލަވާލި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފަށައިފިކަން އެ ޤައުމުން ހާމަކޮށްފިއެވެ.

ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރަސްމީ ޓީވީ ބުނިގޮތުގައި ޤައުމަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމާބެހޭ އައު ގާނޫނު އަސާސީއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނެގި ވޯޓްގައި ރައްޔިތުންގެ 89 ޕަސެންޓް މީހުން އެއަށް ތާއީދުކުރާކަން ހާމަވެފައިވާ ކަމުގައެވެ. ސޫރިޔާގެ އައު ގާނޫނު އަސާސީއާ މެދު ރައްޔިތުން ދެކޭގޮތް ވޯޓުން ހާމަކޮށްފައިވާއިރު މިއީ ގިނަ ޕާޓީތަކަކަށް އެޤައުމުގެ ސިޔާސީ މައިދާނަށް ނުކުތުމުގެ ދޮރު ހުޅުވާލަދޭ ގާނޫނު އަސާސީ އެއް ކަމަށް އެޤައުމުގެ ނޫސްތައް ބުނެއެވެ.

ނަމަވެސް ސޫރިޔާގެ މިހާރުގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ބަދަލުކުރެވޭނެ އެއްވެސްމަގެއް އައު ޤާނޫނު އަސާސީގައި ނެތުމުން އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓް ބޮއިކޮޓްކޮށްފައެވެ. އައު ޤާނޫނު އަސާސީގައި މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް މަގުފަހުވެ މިނިވަން މުއައްސަސާތައް އުފެއްދުމުގެ ފުރްސަތު ދިނުމުގެ އިތުރުން މިނިވަން ޝަރްޢީ ނިޒާމަކަށްވެސް މަގުފަހިކޮށްދީފައިވެއެވެ. އަދި 7 އަހަރުގެ ދެދައުރަށްވުރެ އިތުރަށް އެއްވެސް މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑިމޮކްރެޓިކް މިބަދަލުތަކާއެކުވެސް ރައީސް ބައްޝާރުލްއަސަދުގެ މިހާރުގެ ރިޔާސީ ދައުރު ފުރިހަމަ ކުރުމަށްފަހު އައު ޤާނޫނު އަސާސީގެ ދަށުން އިތުރު ދެދައުރަކަށް ކުރިމަތިލުމުގެ ފުރްސަތު އޭނާއަށް އޮތުމުން އިދިކޮޅު ފަރާތްތަކުން އައު ޤާނޫނޫ އަސާސީ ސިފަކުރަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެވެ.

އައު ގާނޫނު އަސާސީ އަކީ ވެރިކަމުގައި ދެމިހުންނެވުމަށްޓަކައި ބައްޝާރުގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އެޅުއްވި އަނދުނެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. -- އަލްޖަޒީރާ