27 Sep 2021, 13:04
ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޕޮލިސް ސައުތު ޑިވިޝަން (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ)އަށް މިދިޔަ ބުރާސްފަތި ދުވަހު އެފަދަ މައްސަލައެއް ހުށަހަޅައިފައި ވާކަމަށެވެ.
ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ފުލުހަށް ހުށަހަޅާ މައްސަލަތައް މިފަހުން އިތުރު ވެފައި ވާއިރު، 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.