މޮސްކޯ (ފެބްރުއަރީ 28) : ރަޝިޔާގެ ބޮޑު ވަޒީރު އަދި އެ ޤައުމުގެ ރިޔާސީ ކެންޑިޑޭޓް ވްލަޑިމޭރު ޕޫޓިން އަވަހާރަކޮށްލުމަށް ރޭވިރޭވުމަކުން އޭނާ ސަލާމަތްވެ ވަޑައިގެންފި އެވެ.

ރަޝިޔާ ސަރުކާރަށް ތާއީދުކުރާ އެޤައުމުގެ ޓީވީ ޗެނެލްއަކުން ހާމަކުރިގޮތުގައި ޕޫޓިން އަވަހާރަކޮށްލުމަށް ރާވާފައިވާ ރޭވުން ބޭޒާރު ކޮށްލާފައިވަނީ ރަޝިޔާއާއި ޔުކްރޭންގެ ޖާސޫސީ އިދާރާތައް ގުޅިގެން ކުރި މަސައްކަތްތަކަކުންނެވެ. ޕޫޓިން އަވަހާރަކޮށްލުމަށް ރޭވި ރޭވުމުގެ ފަހަތުގައިވަނީ ވަކިވެ ގަތުމަށް މަސައްކަތްކުރާ ރަޝިޔާގެ ޖުމްހޫރިއްޔާއެއް ކަމަށްވާ ޗެޗްނިޔާގެ ޢަސްކަރީ ކޮމާންޑަރެއް ކަމަށްވާ ދޫކޯ ޢަމްރޫފް ކަމަށް ރަޝިޔާގެ ޗެނެލް ވަން ޓީވީ ބުނެއެވެ.

މި ޗެނެލްއިންވަނީ ޕޫޓިން އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަމަށްބުނާ ދެމީހަކު ދައްކާފައެވެ. މިކަމުގެ ފަހަތުގައިވަނީ ޗެޗްނިޔާގެ ޢަސްކަރީ ލީޑަރ ދޫކޯ ޢަމްރޫފް ކަމަށްވެސް މިދެމީހުން ޓީވީ ން ދެއްކި ވާހަކާގައި ބުނެފައިވެއެވެ. މިދެމީހުން ރަޝިޔާއަށް ވަނުމަށްޓަކައި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ތުރުކީގެ މަގުން ފުރަތަމަވަނީ ޔުކްރޭނަށް ކަމަށާއި ޔުކްރޭންގެ ފުލުހުން މިދެމީހުން ހައްޔަރުކުރީ އެދެމީހުންގެ އެހެން ބައިވެރިއަކު ދިރިއުޅޭ ފްލެޓްގައި ބޮމެއް ގޮއްވާލި ޙާދިސާއެއް ތަހްޤީޤް ކުރުމުގެ ތެރޭގައި ލިބުނު މަޢްލޫމާތުގެ އަލީގައި ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެއެވެ.

ޔުކްރޭންގައި ހައްޔަރުކުރި މިދެމީހުންގެ އަތުން ޕޫޓިން އަވަހާރަކޮށްލުމާބެހޭ ރޭވުމުގެ ލިޔެކިޔުންތަކާއި އެކަމަށް ބޭނުންކުރާނެ ސާމާނު ފެނިފައިވާ ކަމަށްވެސް ކަމާބެހޭ މީޑިޔާ ރިޕޯޓް ބުނެއެވެ. މިލިޔެކިޔުންތަކާއި މިދެމީހުންގެ އިޢްތިރާފްތަކުން އެނގޭގޮތުގައި ޕޫޓިން އަވަހާރަކޮށްލުމުގެ ރޭވުމުގެ ދަށުން މޮސްކޯގައި ޕޫޓިން ޢާންމުކޮށް ދަތުރުކުރައްވާ މަގެއްގެ ކައިރީގައިވާ ތަނެއްގައިވަނީ ގިނަ ޢަދަދެއްގެ ގޮވާތަކެތި ހަރުކޮށްފައެވެ.

މިއީ ބޮޑު ލޮރީއެއް ހަލާކުކޮށްލެވޭވަރުގެ ގޮވާތަކެތި ކަމަށްވެސް އެދެމީހުން މަޢްލޫމާތު ދީފައިވެއެވެ. ރަޝިޔާގެ ޖާސޫސީ މަސްއޫލުވެރިންނާއި ފުލުހުން ގުޅިގެންވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ތަނުން އެތަކެތި ނަގާފައެވެ. މިރޭވުމުގައި ބައިވެރިވާ ބައެއް އެހެން ފަރާތްތައް މޮސްކޯގައި އުޅޭ ކަމަށާ އޭގެތެރެއިން ބައެއްމީހުން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ޕޫޓިން އަވަހާރަ ކޮށްލަން މަސައްކަތް ކުރިކަމަށްބުނެ ރަޝިޔާއާއި ޔުކްރޭނުން މިކަން ހާމަކޮށްފައި މިވަނީ ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އެންމެ 6 ދުވަހަށް ވެފައިވަނިކޮށެވެ. -- ނޫސްއެޖެންސީތައް