ސިއްހީ ދާއިރާގެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި، އެކަންކަން ކުރަން ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާއި، ސިއްހީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ގުޅިގެން ސިއްހީ ދާއިރާ ދިރާސާ ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖަމްޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާއި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރައްވާފައި ތިއްބެވި ސިއްހީ ދާއިރާގެ ދިވެހި ތަޖުރިބާރުން ގުޅިގެން އެ ދާއިރާގެ ކަންތައްތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިރާސާ ކުރަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުން މައުލޫމާތު އެއްކުރުމަށް ފަހު ކަމަށާއި ވަރަށް އަވަހަށް އެ ދިރާސާ ރިޕޯޓު އެކުލަވާލައި ނިމޭނެ ކަމަށެވެ.

"ސިއްހީ ދާއިރާގެ ކަންތައްތައް ދިރާސާ ކުރުމުގެ ކަންތައްތައް ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާއި، ހިލޭސާބަހަށް މަސައްކަތްކޮށްދޭ ބައެއް މީހުން އެކުވެގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކުން މައުލޫމާތު އެއްކޮށްގެން އަދި ހުރިހާ ދިމާލަކުން މައުލޫމާތު އެއްކޮށްގެން ވަރަށް ބޮޑަށް އެސެސް ކުރައްވަމުން އެބަގެންދަވާ. މާދަމާ ނޫނީ އަނެއް ދުވަހުގެ ހިސާބުގައި އޭގެ ރިޕޯޓެއް ލިބޭނެ،" ޖަމްޝީދު ވިދާޅުވި އެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގެ ނިސްބަތުން ސިއްހީ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް މީގެ ކުރިން ހޯދާފައިވާ ގައުމެއް ކަމަށާއި ރާއްޖެއަށް ލިބުނު ކާމިޔާބީތައް މީގެކުރިން ދަމަހައްޓަމުން ގޮސްފައިވަނީ ވަކި އުސޫލުތަކަކަށް ރޭވިގެން ކަމަށާއި ނަމަވެސް ސިއްހީ ދާއިރާއިން ކިޔަވައިގެން ތިއްބެވި ބޭފުޅުންގެ އަޑު ނޭއްސެވުގެ ސަބަބުން ފާއިތުވި ތިން އަހަރު ސިއްހީ ދާއިރާގެ ކަންތައްތައް ބޮއްސުންލައިގެން ގޮސްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ކާމިޔާބީތައް އަޅުގަނޑުމެން ހޯދަމުން ދިޔައީ، މިކާމިޔާބީތައް ދަމަހައްޓަމުން ދިޔައީ ވަކި އުސޫލަކުން ވަކިގޮތަކަށް ރޭވިގެން އެއީ ވަކިގޮތަކަށް ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށްވާތީ އެކަންތައްތައް ކުއްލިއަކަށް ބަދަލުކޮށްފިއްޔާ ދެން ދިމާވާނެ ކަންތައްތަކާއި ދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވަނީ. 2010 ވަނަ އަހަރަކީ މިއިން ޒަމާނަކު މައިން މަރުނުވާ ވަރަކަށް މައިން މަރުވި އަހަރެއް. ނުވަ އަންހެނުން ވިހެއުމުގެ ތެރޭގައި މަރުވި، އިތުރަށް އެކެއް ނުވަތަ ދެ މީހުން މަރުވިނަމަ ސާސްކަފްގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އަޅުގަނޑުމެން ހިނގާ މަގުން ކައްސާލައިގެން ދާނެ،" ޒުވާން މިނިސްޓަރު ވިދާޅުވި އެވެ.

ފުވައްމުލަކަށް އުފަން މިނިސްޓަރު އެ ރަށު ހާފިޒް އަހުމަދު ސްކޫލުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިއްހީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނީ މިހާރު ކުރެވެމުންދާ ދިރާސާގެ ރިޕޯޓަށް ބެލުމަށްފަހު، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ދާއިރާއަށް ބަދަލު ގެނައުމުގައި ރާއްޖެއަށް މިވަގުތު އެކަށީގެން ވަނީ ކޮން ބަދަލެއްތޯ ބައްލަވާނެ ކަމަށާއި، ގެންނަނާނީ ރާއްޖެއަށް މިވަގުތަށް އެކަށީގެންވާ، އަދި ސިއްހީ ދާއިރާގެ ހުރިހާ މާހިރުން ގެންނަން ބޭނުންވާ ބަދަލެއް ކަމަށެވެ.