ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ދެ ބޭފުޅުންގެ ގުޅުން އެހާ ރަނގަޅު ނޫންކަން ވެރިކަމުގެ ވަކި ހިސާބަކުން އޮތީ ވަރަށް ރަނގަޅަށް ސާފުވެފަ އެވެ. އެހެން ނަމަވެސް ދެ ބޭފުޅުން ވެސް ތިއްބެވީ ހަނު އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވާހަކައެއް ނުދައްކަވަ އެވެ. ސުވާލު ކުރިއަސް ގުޅޭ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ފުރޮޅުމަކަށް ގޮސް އެމަނިކުގެ ނައިބުގެ ގޮތުގައި ހުންނެވި ޑރ. ވަހީދަށް ރައީސުލް ޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމާއެކު ރައީސް ނަޝީދު ވަނީ އިސްވެ ބަހުގެ ހަމަލާތައް ފައްޓަވާފަ އެވެ. ފަހަތްޕުޅުން ރައީސް ވަހީދު ވެސް ގެންދަވަނީ ބަހުން ހަމަލާ ދެއްވަމުންނެވެ. ދެކޮޅުގެ ހަމަލަތަކާއެކު ދެ ރައީސުން ވެސް މިވަގުތު ތިއްބެވީ ވެރިރަށުން ބޭރަށް ވަޑައިގެންނެވެ. ރައީސް ވަހީދު ދެކުނުގެ އައްޑު އަތޮޅާއި ފުވައްމުލަކުގަ އެވެ. ނަޝީދު އައްޑު އަތޮޅުން، ތިލަދުންމަތީގަ އެވެ. ރާއްޖޭގެ ދެކޮޅުގައި ތިއްބަވައިގެން ދެ ބޭފުޅުން ރޭވެސް ވަނީ ހަމަލާ ދެއްވާފަ އެވެ. އެ ދެ ބޭފުޅުން ބަހުގެ ހަމަލާތައް ދެއްވާއިރު ދެ ބޭފުޅުން ވަޑައިގަންނަވާ ރަށްރަށުގައި ދެ ބޭފުޅުންނަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ވެސް ދަނީ ހަމަލާ ބަދަލު ކުރަމުންނެވެ.

ދެ ބޭފުޅުން ވަޑައިގަންނަވާ ކޮންމެ ރަށެއްގައިހެން ވަހީދުގެ ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ނަޝީދަށް ތާއީދު ކުރާ މީހުން ދަނީ ކުރިމަތިލައި އަތުން ހަމަލާ ދެމުންނެވެ. ހަމަލާތަކުގައި މާއްދީ އަދި ޖިސްމާނީ ގެއްލުންތައް ދަނީ ލިބެމުންނެވެ.

ނަޝީދުގެ އައްޑޫ ދަތުރު ދިޔަ ގޮތުން ހީވީ ވަރަށް އޮމާންކޮށް ހިނގައިދާނެ ކަމަށެވެ. ނަމަވެސް ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ މާލޭން ބޭރަށް ކުރައްވާ ދަތުތުރުފުޅުގައި އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ފުލުހުންނާއި ސިފައިން ބަންދުކޮށްފައި އޮތް ސަރަޙައްދަކަށް ބަޔަކު ގަދަކަމުން ވަދެގަތެވެ. އެމީހުން ފަހަތަށް ޖައްސައި ފޮނުވާލަން އުޅުމާއެކު ވަނީ އެސަރަޙައްދުގައި އިތުރު ހަމަނުޖެހުންތައް ހިންގާފަ އެވެ. ސިފައިންނާއި ފުލުހުންނާ ދިމާއަށް ގާއުކައި ހެދުމުގެ ސަބަބުން އެ ސަރަޙައްދުގައި ހަރަކާތްތެރިވި ދެ ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވެ އެކަކު ސީރިއަސް ހާލަތުގައި އޮތް އިރު އަނެކަކު ވަނީ މިވަގުތަށް ހިނގައިބިނގާ ނުޅެވޭވަރުވެފަ އެވެ. މީގެއިތުރުން ވެސް ބައެއް ފުލުހުންނަށާއި އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައި ވެއެވެ.

"ދެބައި މީހުން ވެސް ކުރިމަތިލައި އައްޑޫ ސިޓީގެ އެކި ތަންތަނަށް ގެއްލުންދީ، މަގުމަތީގައި ޓަޔަރު ފަދަ ތަކެތީގައި ރޯކޮށް ގާއުކާ ރުއްގުޅި އަތުރާ ހެދި އަދި އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިލައި ހެދި،" މިވަގުތު އައްޑު އަތޮޅުގައި ހުރި ސަން އޮންލައިންގެ ނޫސްވެރިޔާ ބުންޏެވެ. "ހަމަނުޖެހުންތަކުގައި އައްޑޫގައި ހުންނަ އެމްޑީޕީގެ ޖަގަހަތަކަށް ވެސް ބަޔަކު ވަނީ ގެއްލުން ދީފައި،"
ކުރީގެ ރައީސް ނަޝީދު އިއްޔެ ހއ. ދިއްދުއަށް ވަޑައިގެން އުޅުއްވަނިކޮށް އެރަށުގައި ވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާފައި އެވެ. އެއީ ވެސް ރައީސް ވަހީދުގެ ސަރުކާރަށް ތާއީދު ކުރާ ބަޔަކާއި ރައީސް ނަޝީދަށް ތާއީދު ކުރާ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެކެވެ. އެ ހަމަނުޖެހުންތަކުގައި އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ވެލިޖަހައި ގާއުކި އެވެ. އެއްބަޔަކު އަނެއް ބަޔަކަށް ގަޔަށް އަތްލާ ހަމަލާ ދީ ހެދި އެވެ. މިހާ ދިސާގައި ދެ އަހަރުގެ ކުއްޖަަކަށް ވެސް ވަނީ އަނިޔާ ވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި އާދީއްތަ ދުވަހު ހަވީރު އެމްޑީޕީން ދިއްދޫގައި ބޭއްވި ހިނގާލުމާ ގުޅިގެން ރައީސް ވަހީދަށް ތާއީދު ކުރުމުގައި ތިބި ޕީޕީއެމްގެ ސަޕޯޓާރުންނާ އާއި އެމްޑީޕީގެ ސަޕޯޓާރުންނާ ދެމެދު ހިނގައި ދިޔަ ކުރިމަތިލުންތަކުގައި ދެ އަހަރުގެ އެ ކުއްޖާއަށް އަނިޔާ ލިބިފައިވާ ކަމުގެ ޝަކުވާ ލިބުމުން އެކަން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ. މައްސަލަ ހުށަހަޅާފައި ވަނީ ކުއްޖާގެ ބެލެނިވެރިންނެވެ. ކުޑަ ކުއްޖާ އަށް އަނިޔާވެފައި ވަނީ ދެބައިމީހުންގެ ދެމެދުގައި އެއްޗެއްހި އުކި ވަގުތު މީހަކު އެއްލި ގަލަކުން ޖެހި ކަމަށް ބައެއް މީހުން ބުނެ އެވެ.

ކުރީގެ ރައީސް ނަޝީދު އިއްޔެ ހަވީރު ހދ. ކުޅުދުއްފުށްޓަށް ވަޑައިގަތުމުން އެ މަނިކުފާނު އެ ރަށަށް އަރާވަޑައިގަތަ ނުދޭން މަސައްކަތް ކުރި ބަޔަކާއި އެމަނިކުފާނަށް ތާއީދުކުރާ ބަޔަކާ ދެމެދު ވެސް ވަނީ ބޮޑު ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. ނަޝީދު ކުޅުދުއްފުއްޓަށް އަރާވަޑައިގަތުމަށް ހުރަސް އެޅުމުގެ އިތުރުން އެ މަނިކުފާނަށް ތާއީދުކުރުމަށްޓަކައި ހއ. އާއި އދ. އަތޮޅުގެ ބައެއް ރަށްރަށުން ދިޔަ މީހުން ވެސް ކުޅުދުއްފުއްޓަށް އެރިޔަ ނުދިނުމަށް ބަޔަކު މަސައްކަތް ކުރި އެވެ. އެ ހާދިސާގައި ގަލާއި އެނޫން ވެސް ތަކެތި އުކާ އެއްބަޔަކު އަނެއް ބަޔަކަށް ވަނީ އަނިޔާ ކުރަން އުޅެފަ އެވެ.

މި ހަމަނުޖެހުންތައް ކޮންޓްރޯލުކޮށް ކުޅުދުއްފުށީގެ މާހައުލު އަމާންކުރުމަށް ފުލުހުންނާއި ސިފައިން ނުކުމެ މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހެއްގެ ބޯ ފަޅައިގެން ގޮސް ބައެއް ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބުނު އިރު ބައެއް އާންމުންނަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ.

ދެ ރައީސް ދަތުރުތައް ފައްޓަވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާއިރު ރައީސް ވަހީދުގެ ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ނަޝީދަށް ތާއީދު ކުރާ މީހުންގެ މެދުގައި ހޫނުވެ އެއްބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލައި ހިސާބަށް ދިޔަ މައިގަނޑު ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ދެކެނީ ރައީސް ވަހީދަށް އައްޑުއަށް ވަޑައި ނުގެންނެންނެވޭ ކަމަށް މިދިއަ ހަފުތާގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާއި ރައީސް ނަޝީދު ވެސް އެއަށް ބާރު ދެއްވާ ރައީސް ވަހީދު އައްޑު އަށް ވަޑައި ނުގުތުމަށް ވިދާޅުވުމާއި ދެބޭފުޅުންގެ ބަހުގެ ހަމަލަތައް ވަރުގަދަވެފައި ވުމެވެ.

ރައީސް ނަޝީދު ވެސް އަދި ރައީސް ވަހީދު ވެސް ގޮވާލާ ވާހަކައެއް އޮވެ އެވެ؛ ފަސާދަ ނުކުރުމަށާއި ހަމަނުޖެހުންތަކަށް ޖާގަ ނުދިނުމަށެވެ. ދެ ބޭފުޅުންގެ ދެ ފަރާތުގައި ތިބޭ ސަޕޯޓަރުން ވެސް ބުނަނީ ހަމަ އެހެނެވެ. "ތިމަންމެންނަކީ ސުލްހަވެރިކަމުގައި ތިބޭ ބައެއް" ކަމަށެވެ. އެގޮތަށް ވަކާލާތު ކުރި ނަމަވެސް މިވަގުތަށް ފެންނަނީ ދެ ފަރާތުން ވެސް ހަމަލައަށް ތައްޔާރުވެފައިވާތީ އެވެ. ބަހުންނާއި އަމަލުންނެވެ. ރައީސް ވަހީދާއި ނަޝީދާ ދެ ބޭފުޅުންގެ ހިތްޕުޅުގައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ މައްޗަށް ގަނޑުކޮށްފައިވާ އުދާސްތައް ބޭރުވަމުންދާއިރު ދެފާރުގެ ސަޕޯޓަރުން ދަނީ އެއަށް ދަރު އަޅައި އަންދަމުންނެވެ. ދެ ބޭފުޅުންގެ ދަތުރުފުޅު އިތުރު ރަށްރަށަށް މިސްރާބު ޖަހާނަމަ މި ހަމަލާތައް އިތުރުވެގެން ދާނެ ކަމަށް ފެންނަ މަންޒަރުން ނާއި ހަމަލާތަކުން އެކަން ޔަގީނާ ގާތެވެ.