މާލޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުން ރާވައި އިންތިޒާމުކޮށް، އެ ހައިކޮމިޝަނާއި ހަބީބް ބޭންކާ ދެމެދު އެކުވެރިކަމުގެ ކުރިކެޓް މެޗުތަކެއް ކުޅެފިއެވެ.

މި މެޗު ކުޅެފައިވަނީ އިއްޔެ ހަވީރު މާލޭގައި އޮންނަ އެކުވެނި ޓްރެކްގައެވެ.

މި މެޗުގައި ޕާކިސްތާން ހައިކޮމިޝަނުގެ ފަރާތުން އެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ އެ ހައިކޮމިޝަންގެ ކޮންސިއުލާ އެޓޭޗް އަފްތާބް އަހްމަދެވެ. ހަބީބް ބޭންކުގެ ޓީމުގެ ކެޕްޓަންކަންކޮށްފައިވަނީ އެ ބޭންކުގެ ކަންޓްރީ މެނޭޖަރު މުހައްމަދު ޝުއައިބެވެ.

އެކުވެރިކަމުގެ ގޮތުން ކުޅުނު މި މެޗުތަކުގައި އެންމެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ހަބީބު ބޭންކުންނެވެ. ހަމައެއާއެކު ޕާކިސްތާން ހައިކޮމިޝަނުން ވެސް ވަނީ މެޗެއް ކާމިޔާބުކޮށްފައެވެ.

ޕާކިސްތާން ހައިކޮމިޝަނާއި ހަބީބް ބޭންކާ ދެމެދު އެކުވެރިކަމުގެ ކުރިކެޓް މެޗެއް ކުޅުން -- ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން

މި މެޗުތަކުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އަތުހަރު މުހުތާރު ބައިވެރިވެޑައިގެންނެވިއެވެ. އަދި އެހެންމެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނަށް ނިސްބަތްވާ ބައެއް ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

މި މެޗުތަކަށްފަހު ކުޅިވަރުގެ ރޫހު އިތުރުކުރުމުގެ ގޮތުން ކޭކު ފެޅުމުގެ ހަފްލާއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދެ ޓީމުގެ ކެޕްޓަނުންނަށް ހައިކޮމިޝަނަރު ވަނީ ޕާކިސްތާނުގެ އުފެއްދުމެއްކަމަށްވާ "ހާޑް ބޯލް ބެޓް"އެއް ހަދިޔާކުރައްވާފައެވެ.

ޕާކިސްތާން ހައިކޮމިޝަނާއި ހަބީބް ބޭންކާ ދެމެދު އެކުވެރިކަމުގެ ކުރިކެޓް މެޗެއް ކުޅުން -- ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން

މި ހަފްލާގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު އަތުހަރު މުހްތާރު ވަނީ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން ދުޅަހެޔޮކަމަށް މަގުފަހިވެގެންދާ ދިއުން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް ޓަކައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ހައިކޮމިޝަނަރު ދެއްވިއެވެ.