00:30


ގްރޫޕުތައް މެދުވެރިކޮށް ސިޔާސީ ބައެއް ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މާލޭގައި ހަމަނުޖެހުންތައް ހިންގައި، އަމަން ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ބުނެ އެކަން ކޮންޓްރޯލްކުރުމަށް އެންއެމްޑީއެފުންނާއި ފުލުހުން ގުޅިގެން މާލޭތެރޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.


ސަލާމަތީ ބާރުތަކުން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމަނުޖެހުން ހިންގަން މަސައްކަތްކުރާ ފަރާތްތައް ހުއްޓުވާ، އަމަން އަމާންކަން ގާއިމްކުރުމަށް މިރޭ 9.30 ގައި ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ތެރޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކާފިއު އިއުލާން ނުކުރި ނަމަވެސް، މަގުތައް ބަންދުކޮށް، ވެހިކަލްތައް ޗެކުކޮށް އަދި ތުހުމަތުކުރެވޭ ފަރާތްތަކުގެ ގެތައް ބަލައި ފާސްކުރާނެ ކަމަށާއި ވަކި މުއްދަތެއް ނެތި ފަށައިފައިމިވާ ޚާއްސަ އޮޕަރޭޝަން، ރަށުތެރޭގައި ހަމަޖެހުން ގާއިމްކުރެވެންދެން ކުރިއަށްދާނެ ވެސް ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވި އެވެ.


ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވި ގޮތުގައި މިރޭ ޚާއްސަ އޮޕަރޭޝަނަށް ފަށައިފައި ވަނީ، ވޯލްޑް ކަޕް ނިމުމާ ގުޅިގެން މާލެތެރޭގައި ގްރޫޕުތަކުން މާރާމާރީ ހިންގުން އިތުރުވެފައިވާތީ އެވެ. އަދި ސިޔާސީ ފަރާތްތަކުން ގްރޫޕްތައް ބޭނުންކޮށްގެން އަމަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަމްދޫން ރަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް، ސިޔާސީ ފަރާތްތަކުން ގްރޫޕްތައް ބޭނުންކޮށްގެން ހަމަނުޖެހުން ހިންގާ މައްސަލައިގެ ތަފްސީލު ދެއްވުމަށް ސަންއެފްއެމުން ދެންނެވުމުން އެ ސުވާލުގެ ޖަވާބެއް އޭނާ ނުދެއްވަ އެވެ.


ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭ ގޮތުން ސަންއެފްއެމުން ތަކުރާރުކޮށް ސުވާލުތައް ދެންނެވުމުން ވެސް، ޕްރެސް ކޮންފަރެންސްގެ މައުޟޫ ކަމުގައިވާ "ޚާއްސަ އޮޕަރޭޝަނާ" ގުޅޭ ސުވާލު ނޫން އެހެން ސުވާލަކަށް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ.