ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ދެކުނު އެފްރިކާގެ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ދަތުރުގައި ރާއްޖެއަށް އައިސްފައިވަނީ ދެކުނު އެފްރިކާގެ އެންމެ މަގުބޫލު މަޖައްލާތަކުގެ ނޫސްވެރިން ހިމެނޭ ޓީމެކެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާގެ އިންޑިޕެންޑެންޓް، ގެޓަވޭ މެގަޒިން އަދި ސަންޑޭ ޓައިމްސްއެވެ.

އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ލިޔުންތަކާއި އަދަދުތައް ޝާއިއުކުރާ އެ މަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފުތާއަކު، މަހަކު ނުވަތަ ކޮންމެ ހަ މަހުން އެއް މަހުވެސް ލިޔުންތަކާއި އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގެ ސަބަބުން ދެކުނު އެފްރިކާގެ މާކެޓުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރު ކުރެވޭނެ ކަމަށެވެ.

މި ދަތުރުގައި ދެކުނު އެފްރިކާގެ މީޑިއާ ޓީމު މަޑުކުރާނީ ފުށިފަރު މޯލްޑިވްސް, ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު އަދި ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައެވެ.

އެ ޓީމުން ރިސޯޓުތަކުގެ ސްޕާގެ ހިދުމަތާއި ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތަކާއި އެކި ރެސްޓޯރެންޓްތަކުން ލިބެން ހުންނަ ތަފާތު ކެއުންތައް ތަޖުރިބާ ކުރާނެއެވެ.

މިއީ ދެކުނު އެފްރިކާ މާކެޓަށް އަމާޒުކޮށްގެން ރާއްޖެއިން މިއަހަރު ބާއްވާ ދެވަނަ ފެމިލިއަރައިޒޭޝަން ދަތުރެވެ.

އެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން މިއަހަރުގެ މިހާތަނަށް އައިއިރު ވަނީ ޑަބްލިއުޓީއެމް އެފްރިކާގެ ވާޗުއަލް ހަރަކާތުގައި ބައިވެރިވެފައިއެވެ. އަދި އެ މާކެޓަށް އަމާޒުކޮށްގެން އެއާ ސީޝެލްސްއާއެކު ހާއްސަ ކެމްޕޭނެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 817،387 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރެއިން 9،198 ފަތުރުވެރިންނަކީ ދެކުނު އެފްރިކާއިން ރާއްޖެއަށް އައި ފަތުރުވެރިންނެވެ.