26 Sep 2021, 14:47
ކޮވިޑް-19ގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ރާއްޖެއިން މިހާރު މޮނިޓަރިންއަށް ލާފައިވާ ރަށްތައް ފާހަގަކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކުރި ލިސްޓުގައި އޮތީ 11 ރަށެކެވެ.
މި މަސް ފެށުނު އިރު އެ ލިސްޓުގައި 23 ރަށެއް އޮތެވެ. އަދި މަހުގެ މެދު ތެރޭގައިވެސް އެ ލިސްޓުގައި 22 ރަށް އޮތެވެ.
ނަމަވެސް ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި މޮނިޓަރިންއަށްލީ ރަށްތައް ވަނީ މަދު ވެފައިއެވެ. އަދި މިހާރު މޮނިޓަރިންގައި އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް މޮނިޓަރިންއަށް ލައިފައިވާ ރަށްތަކެވެ.
އޭގެ ތެރެއިން މިދިޔަ މަހުގެ 20 ވަނަ ދުވަހު މޮނިޓަރިންއަށްލީ ކ. ގާފަރެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންއަށް ލީއިރު މި މަހުގެ ހަތަރު ވަނަ ދުވަހު އެ ސިޓީގެ ހުޅުމީދޫ ވަނީ މޮނިޓަރިންއަށް ލައިފައިއެވެ.
އޭގެ އިތުރުން މި މަހު މޮނިޓަރިންއަށްލީ ކ. ގުޅި އާއި ގއ. ގެމަނަފުށްޓާއި މާރަންދޫގެ އިތުރުން ތ. ދިޔަމިގިއްޔާއި ގއ. ވިލިނގިއްޔެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 126 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހަކާއި އަތޮޅުތަކުން ބަލި ޖެހުނު 88 މީހަކު ހިމެނެއެވެ. އަދި ރިޒޯޓުތަކުން ހަތަރު މީހަކާއި ސަފާރީތަކުން ދެ މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.
އެއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 84،290 އަށް އަރާފައިއެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,614 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 16 މީހަކަށެވެ.