26 Sep 2021, 17:13
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުން ކުނި ނަގާނެ އެއްވެސް އުސޫލެއް ކަނޑައެޅިފައި ނެތުމުން، ފްލެޓުތަކުގެ ތިރީގައި ކުނިތައް ގިނަވެ ފުޅަ އަޅަން ފަށާފައިވާ މައްސަލަ ފެންމަތި ވެއްޖެއެވެ.
މި ވަގުތު އެތަނުގައި 40އަށް ވުރެ ގިނަ އާއިލާތަކުން ދިރިއުޅެމުންދާއިރު އެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގޭގައި ހުންނަ ކުނިވާ ޒާތުގެ ތަކެތި އުކާލުމުގެ އިންތިޒާމެއް އެޗްޑީސީއިން ހަމަޖައްސައިފައި ނެތުމެވެ.
މިކަމާ ގުޅިގެން، ކާބޯތަކެތި ނުވަތަ ކުނިވާ ޒާތުގެ ކުނިތައް އުކާލެވޭނެ އަވަސް އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދި ހިޔާ ޔޫނިއަން އިން މިިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ވަނީ އެދިފައެވެ.
މި ޓްވީޓުގައި ވާ ގޮތުން މިކަމަށް ވަގުތުން ވަގުތައް ހައްލެއް ބޭނުންވާ ކަމަށާއި މިކަން ހައްލު ނުވާނަމަ އެތަނުގައި ދިރި އުޅޭ ފަރާތްތަކަށް ސިއްހީ ގޮތުންވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.
އެ ޓްވީޓާއެކު، އެޗް3 ޓަވަރުގެ ތިރީގާ ބަޔަކު ކުނި ބަހައްޓާފާ ހުރި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިޔާ ޔޫނިއަން އިން ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕްލާސްޓިކް ކޮތަޅުގައި ހުރި ކުނިތައް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ހުރީ ފުޅަ އަޅާފައެވެ.