އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ގިނަ ކެންޑިޑޭޓުން ކާމިޔާބު ހޯއްދެވިކަމަށާއި މިއީ މުޅި ރާއްޖެއަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބަށް މަރުހަބާ ދަންނަވާފައެވެ.

"ޑިމޮކްރެސީގައި ރޫހުގައި ތިޔަ ކުރެއްވި މަސައްކަތަކީ ޕާޓީއަށާއި ގައުމަށް ކޮށްދެއްވި މަތިވެރި ހިދުމަތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބު ވުމަކީ ރާއްޖެއަށް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އިއްޔެ ބާއްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ހިޔާލުތަފާތުވުންތަކާއެކު މި އިންތިހާބު ފާހަގަކުރެވިގެންދިޔައީ ވަރަށް ވާދަވެރި އިންތިހާބެއްގެ ގޮތުގައެވެ.

އެގޮތުން ރައީސް ނަޝީދު ތާއީދު ކުރައްވައިފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނަށެވެ. ރައީސް ސޯލިހުގެ އަޑު އިންތިހާބުގައި މަޑު ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކެންޑިޑޭޓުންނަކީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންގެ ގޮތުގައި އޮތީ ފާހަގަވެފައެވެ.

ނަޝީދު މިފަދައިން ވިދާޅުވިނަމަވެސް އިންތިހާބުގައި ކާމިޔާބު ހޯއްދަވައިފައިވާ ގިނަ ކެންޑިޑޭޓުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓުންނެވެ.