26 Sep 2021, 12:16
އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވަން އުރީދޫއާއި ދިރާގުން ނިންމައިފިއެވެ.
އެ ދެ ކުންފުނިން ވެސް އައިފޯން 13ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގައެެވެ.
އެހެން ނަމަވެސް އެ ދެ ކުންފުނިން އައިފޯން 13ގެ ފޯނުތައް ވިއްކާނެ އަގުތަކާއި ވިއްކާނީ ކޮން މޮޑެލްތަކެއްކަން އަދި ހާމައެއް ނުކުރެއެވެ.
އުރީދޫއިން އައިފޯން ޕްރީއޯޑާ ކުރަން ހުޅުވާލާނީ އެކުންފުނީގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ.
އެޕަލްއިން ވަނީ އައިފޯން 13 ސީރީޒްގެ ހަތަރު މޮޑެލްއެއް ބާޒާރަށް ނެރެފައިއެވެ. އެ ހަތަރު މޮޑެލްއަކީ؛
އައިފޯން 13 މިނީ
- އައިފޯން 13
- އައިފޯން 13 ޕްރޯ
- އައިފޯން 13 ޕްރޯ މެކްސް
އެޕަލްއިން މި ފޯނުތައް ވިއްކާ އެންމެ ކުޑަ އަގުތަކަކީ؛
އައިފޯން 13 މިނީ: 699 ޑޮލަރު
- އައިފޯން 13: 799 ޑޮލަރު
- އައިފޯން 13 ޕްރޯ: 999 ޑޮލަރު
- އައިފޯން 13 ޕްރޯ މެކްސް: 1099 ޑޮލަރު
މި ފަހަރުގެ އައިފޯންތަކަކީ ކުރީގެ ފޯނުތަކުގައި ހިމެނޭ ފީޗާތައް އިތުރަށް ފުރިހަމަ ކޮށްގެން އުފައްދާފައިވާ ފޯނުތަކެކެވެ.
މީގެ އިތުރުން އެ ފޯނުތަކުގައި ހިމެނޭ އޭ15 ބައޯނިކް ޗިޕާއެކު އެ ފޯނުތައް ވެގެންދާނީ ޕްރޮސެސިން ސްޕީޑު އެންމެ އަވަސް ފޯނުތަކަށް ކަމަށް އެޕަލްއިން ވަނީ ބުނެފައިއެވެ.