26 Sep 2021, 10:35
ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް އިއްޔެ މަރުވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރު ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
އުމުރުން 22 އަހަރުގެ ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ.
ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
ސުލްތާންގެ މަރު އިތުރަށް ތަހުގީގުކުރުމަށް ކޯޓް އޮފް އިންކުއަރީން ވެސް އަންގައިފައިވާ ކަން ފާހަގަކޮށް، ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމައިފައިވާ ކަމަށް އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބަޔާނުގައި ބުނީ މި ކަން ކަން ފުރިހަމަކޮށް، ދިވެހި އެމްބަސީގެ އެހީތެރިކަމާއެކު ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސުލްތާން މަރުވެފައިވަނީ ކޭމްޕް ގްރީންހޯންގައި އިއްޔެ އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި އެ ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. އަދި ތިން އަހަރު ދުވަހުގެ ކޯހަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.