އަންނަ މަހުގެ އެކަކުން 16އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ސަޕޯޓަރުން ނިކުމެ ދަނޑު ފުރާލުމަށް ގައުމީ ޓީމުގެ ސަޕޯޓަރުންގެ ގްރޫޕު ސަހަރާފަޅިއެމްވީއިން ގޮވާލައިފިއެވެ.

ގައުމީ ޓީމުގެ އެންމެ ވަރުގަދަ ސަޕޯޓަރުންގެ ގްރޫޕުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ސަހަރާފަޅިއެމްވީ އުފެދިގެން އައީ ރާއްޖެ އާއި ބަންގްލަދޭޝް 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުން ގަލޮޅު ދަނޑު ފުރާލި ހިސާބުންނެވެ. ސަހަރާފަޅިއެމްވީ އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ ގައުމީ ޓީމުގެ މެޗުތަކުގައި ސަޕޯޓު ވަރުގަދަކޮށް މެޗުތައް ޕްރޮމޯޓު ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ހިންގުމެވެ.

ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުހައްމަދު (އިމްމަ)އަށް ސަހަރާފަޅިން ތައްޔާރުކޮށްފައިވާ ބެނާއެއް--- ފޮޓޯ: ސަހަރާފަޅިއެމްވީ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެގްރޫޕުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު "ސަން" އާ ހިއްސާކުރަމުން ސަހަރާފަޅިއެމްވީގެ އިސް މެމްބަރެއް ކަމުގައިވާ ޒަލީޝާން ސާމިރު (ޖީއެސް) ބުނީ ގައުމީ ޓީމުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އެގްރޫޕުގެ މެމްބަރުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ސަހަރާފަޅިއެމްވީން ވަނީ ގައުމީ ޓީމުގެ މެޗުތައް ޕްރޮމޯޓުކުރުމަށް ހާއްސަ ކެމްޕޭނެއް ޝޯޝަލް މީޑިއާގައި ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން ސަހަރާފަޅިން މެޗުތަކަށް ވަމުން އަންނަ ތައްޔާރީތައް ފޮޓޯ އަދި ވީޑިއޯގެ ޒަރިއްޔާއިން އަންނަނީ ހިއްސާކުރަމުންނެވެ. ސަހަރާފަޅިން ވަނީ އެގްރޫޕުގެ ފޭސްބުކް ޕޭޖުގައި މުބާރާތުގެ ކައުންޓް ޑައުން ވެސް ފަށާފައެވެ.

މެމްބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ގައުމީ ރޫހު އާލާކުރުމުގެ ވިސްނުމުގައި އެ ގްރޫޕުން ވަނީ ސަހަރާފަޅި ސަޕޯޓަރުންގެ ހާއްސަ ޖާޒީއެއް ވެސް ނެރެފައެވެ. މި ޖާޒީ އިފްތިތާހު ކުރުމަށް އިވެންޓެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ސަހަރާފަޅިއެމްވީއިން ސާފް ޗެމްޕިއަންޝިޕުގައި ބޭނުން ކުރާ ޖާޒީ---

ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ސަހަރާފަޅިއެމްވީން ކުރާ އެންމެ ބޮޑު މަސައްކަތަކީ ބެނާ ހެދުމެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ބޮޑު ބެނާއެއް ހެދުމުގެ މަސައްކަތް ފަށައިފައިވާކަމަށް ވެސް ޖީއެސް ބުންޏެވެ.

ދަނޑުގައި ޓީމަށް ސަޕޯޓުކުރުމުގެ ކަންކަން ރާވައިގެން ހިންގުމުގެ ބޭނުމުގައި މެޗު ޕްރޮގްރާމެއް ތައްޔާރުކޮށް ސަޕޯޓަރުންނަށް ބެހުމަށް ވެސް ސަހަރާފަޅިން ވަނީ ނިންމާފައެވެ.

"މެޗު ޕްރޮގްރާމެއް އެބަ ތައްޔާރުކުރަން. މީގެ ބޭނުމަކީ ސަޕޯޓަރުންނަށް އަހަރެމެން ކުރަން އުޅޭ ކަންތައް އެންގުން. މިސާލަކަށް 30 ވަނަ މިނިޓުގައި ވައިކިން ކްލެޕް ޖަހާ ނަމަ ޕްރޮގްރާމުގައި އޮންނާނެ. އޭރުން ދަނޑުގައި ތިބޭ އެންމެނަށްވެސް އެނގޭނެ 30 ވަނަ މިނިޓުގައި ވައިކިން ކްލެޕް ޖައްސަން ތައްޔާރުވާން،" ޖީއެސް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޖީއެސް ބުނީ މުޅި ދިވެހި ފުޓުބޯޅަ އާއިލާ އަދި ސަހަރާފަޅިއެމްވީގެ ވަރަށް ބޮޑު އެދުމެއް އޮތް ކަމަށާއި އެއީ ގައުމީ ޓީމުގެ ހުރިހާ މެޗެއް ކުޅޭއިރު ސަޕޯޓަރުން ނިކުމެ ދަނޑު ފުރާލުން ކަމުގައެވެ.

"އުއްމީދަކީ ހުރިހާ ލޮބުވެތި ސަޕޯޓަރުން ނިކުމެ ގައުމީ ޓީމުގެ މެޗުތަކުގައި ދަނޑު ފުރާލުން. އަމިއްލަ ގައުމުގައި ކުޅޭ އިރު ހޯމް އެޓްވާންޓޭޖުގެ އެންމެ ފުރިހަމަ ބޭނުން ހިފަންވާނެ،" ޖީއެސް ބުންޏެވެ.

ސަހަރާފަޅިއެމްވީން ހިންގާ ހަރަކާތްތަކުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމުގައި ޖީއެސް ބުންޏެވެ. އެގޮތުން ސަހަރާފަޅިއެމްވީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެގްރޫޕުގެ ފޭސްބުކު ޕޭޖަށް މެސެޖެއްކޮށްލުމަށް ޖީއެސް ވަނީ އެދިފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކަށް ތައްޔާރުކޮށްފައިވާ ބެނާތަކާއެކު ސަހަރާފަޅިއެމްވީގެ ޒުވާން މެމްބަރު ސައިކް--- ފޮޓޯ: ސަހަރާފަޅިއެމްވީ

ޖީއެސް ވަނީ ސަހަރާފަޅިއެމްވީއިން ކުރަމުން އަންނަ މަސައްކަތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ އެންމެހާ މުވައްޒަފުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިޝްތާރާއި އީގަލްސްގެ ކުރީގެ އަދި މިހާރު ސުޕަ ޔުނައިޓެޑުގެ އެސިސްޓަންޓު ކޯޗު އިބްރާހިމް ސައީދު (ކަކާ) ދެއްވާ އެހީތެރިކަމާއި އެއްބާރުލުންވެސް ފާހަގަކޮށް ޖީއެސް ވަނީ އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.