ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމަށް ހުރިހާ ރައްޔިތުން އެއްބައިވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވައިލައިފިއެވެ.

ޕީޕީއެމް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރުގެ ސާފް މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތަށް ރައީސް ޔާމީން މަރުހަބާ ދަންނަވާ ކަމަށެވެ.

ޕީޕިއެމްގެ ބަޔާނުގައި ވަނީ މި އަހަރުގެ މުބާރާތް ކާމިޔާބުކުރުމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަނީ އެދިފައެވެ.

"މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށާއި، އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެން ދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޤައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ދެންނެވީމެވެ." ޕީޕީއެމް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ހޯދި ފަދަ ފަހުރުވެރި ކާމިޔާބީއެއް މި އަހަރު ވެސް ހޯދުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް މި އަހަރު ބާއްވަން ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. މި އަހަރުގެ މުބާރާތުގެ މެޗުތައް ކުޅޭނީ، އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން 16 ވަނަ ދުވަހަށް ގަލޮޅު ރަސްމީ ދަނޑުގައެވެ.