"ސޯ.... ޝިޒާންއަށް ކިހިނެއް އަހަރެންގެ ބައްޕަ އެނގެނީ؟" މިންހާ ހިތްވަރުކޮށްފައި، އެ ސުވާލު ޝިޒާންއާ ކޮށްލިއެވެ. މިންހާ ފިޔަވަޅުތައް މަޑުޖައްސައިލުމާއެކު، ޝިޒާންވެސް މަޑުޖެހިލިއެވެ. އޭނާ މިންހާއަށް ބަލައިލިއިރު، މިންހާގެ ދެލޮލުން އޭނާއަށް ފެނުނީ ޝައުޤުވެރިކަމެވެ.

އެ ސުވާލަށް ޖަވާބު ދޭނެ ގޮތެއް ޝިޒާންއަކަށް ނޭނގުނެވެ. އޭނާއަށް ހިމޭންކަން އިޚްތިޔާރުކުރެވުނީވެސް އެހެންވެއެވެ. މިންހާ އޭނާއަށް ބަލަން ހުރުުމުން ބުނާނެ އެއްޗަކާ މެދު ޝިޒާންއަށް ވިސްނެން ފެށުނެވެ.

"ކުރިންވެސް އަހަރެން ބައްޕަ ދަންނަންތަ؟" މިންހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އެހާ ކުރިއަކުން މިންހާގެ ބައްޕައެއް ނުދަންނަން..." ޝިޒާން ތެދުވެރިކަމާއެކު ޖަވާބު ދިންނަމަވެސް، އެ ޖަވާބުން އެކަނިވެސް އެ އަޑުގައި ހުރި ސިއްރުވެރިކަން މިންހާއަށް ދެނެގަނެވުނެވެ. އިތުރު އެއްޗެއް ބުނުމުގެ ޚިޔާލެއް އޭނާ ނުކުރެއެވެ. ހިމޭންކަމާއެކު ދެމީހުން ހިނގަމުން އައިސް ރަށުގެ ސިއްޚީ މަރުކަޒާ ހިސާބަށް އާދެވުނެވެ. އެ ދެމީހުން އެކުގައި ވަދެގެން ގޮސް، ވޯޑުގައި އޮތް ހަނީފް ކައިރީގައި މަޑުކޮށްލިއެވެ. ޒުބައިދާވެސް ކައިރީގައި އިނެވެ. އޭނާގެ ލޮލުގައި ވެސް މިންހާއާއެކު އައި ޒުވާނާ އަޅައިގަތުމާއެކު، ހައިރާންކަން އެކުލެވިގެންވީ ބެލުމަކުން އެ ޒުވާނާއަށް ބަލައިލިއެވެ. އަދި ދެވަނަ ސިކުންތުގައި އެ ނަޒަރު މިންހާއަށް ހުއްޓައިލިއެވެ. އޭނާ ޖަވާބެއް ބޭނުންވާ ފަދައެވެ. އެއީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރެއް ނޫންކަން އޭނާއަށް އެނގެއެވެ.

"ޒުބައިދާ! މީ ޝިޒާން އިނގޭ... އަހަރެމެން ގޭގައި ހުންނަނީ. މިރަށަށް ކުޑަ ކަމަކު އައިސް އެ އުޅެނީ." ހަނީފް ޒުބައިދާގެ ހައިރާންކަން ފިލުވައިލަދިނުމުގެ ބޭނުމުގައި ބުނެލިއެވެ. ޒުބައިދާ އޭނާ އަމިއްލައަށް ތަޢާރަފްވެލީ އެ ޒުވާނާ ދިވެހިން ވާހަކަ ދެއްކުމާއެކުގައެވެ. މިންހާއަށް ބަލާ ހިނިތުންވެލުމަށްފަހު، ޑޮކްޓަރު އައިސް ބަލާފައި ބޭސް ބަދަލުކުރި ވާހަކަ ޒުބައިދާ މިންހާގެ ކައިރީގައި ބުނެލިއެވެ. ލޭގައި ހުރި އިންފެކްޝަންގެ އަސަރު އަދިވެސް ކުޑަ ނުވާކަމަށް ޑޮކްޓަރުން ބުނި ކަމުގައި އޭނާ މިންހާ ކައިރީގައި ބުނެލިއެވެ. އެ ޚަބަރުން މިންހާއަށް ލިބުނީ މާޔޫސްކަމެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނީ، މީހާގެ ނަފްސު ހަމައަކަށް އަޅުވައިލުމުގެ ގޮތުންނެވެ. އެޑްމިޓް ކޮށްގެން ފަރުވާ ކުރި ނަމަވެސް، ބައްޕަގެ ޙާލަތު އިތުރަށް ރަނގަޅުނުވާތީ އޭނާ ވަނީ ނުހަނު ކަންބޮޑުވެފައެވެ.

ގޮނޑީގައި އިށީނދެލި، މިންހާގެ މޫނުމަތީގައިވި މާޔޫސްކަން ޝިޒާންއަށްވެސް ފާހަގަކުރެވުނެވެ.

"ކަންބޮޑުނުވޭ... އިންޝާ ﷲ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. މިހާރު ބޭސް ބަދަލުކުރި ވާހަކަވެސް އެ ބުނީނު." ޝިޒާން އޯގާތެރިިކަމާއެކު ބުނެލިއެވެ. އޭނާ މިންހާއަށް ބަލައިލިއެވެ. އޭރު މިންހާވެސް އިސް އުފުލައިލަމުން ޝިޒާންއަށް ބަލައިލަނީއެވެ. ޝިޒާންގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އޭނާ ނުކުޅެދުނެވެ. ޒުބައިދާ އެތަނުން ދިޔުމުން ޖެހިގެން ހުރި ގޮނޑީގައި ޝިޒާންވެސް އިށީނދެލިއެވެ. އޭނާއާ ހަނީފް ވާހަކަ ދައްކަން ފެށުމުން މިންހާ ފޯނާ ކުޅެން ފެށިއެވެ.

****

އައިހަމް ކާން ވެގެން ރައިހާންމެން ގެއަށްދިޔައިރު، ބަދިގޭގައި ޔޫލިން ހަރަކާތްތެރިވަމުން ދިޔައެވެ. ސަކީނާ ފެންނާކަށް ނެތެވެ. މޭޒުމައްޗަށް ތަށިތައް އަރުވާފައި ޔޫލިން މޭޒުކައިރީގައި ހުއްޓިލިއެވެ. އެއަށްފަހު، އޭނާ ފޯނުން އޭނާއާ އައިހަމްއާ ނެގި ފޮޓޯގަނޑަށް ނަޒަރު ހުއްޓައިލިއެވެ. އޭނާ ހުރީ ދޮރާ ފުރަގަސްދީގެންކަމުންނާ، ވިސްނުމަކަށް ގެއްލިފައި ހުރުމުގެ ސަބަބުން ފަހަތުން އައިހަމް އައިކަމެއް އޭނާ ނުދެނަހުއްޓެވެ.

އައިހަމްގެ މަޤްސަދަކަށްވީ ޔޫލިން ސިއްސުވައިލުމެވެ. އޭނާ ފަހަތުން ގޮސް ޔޫލިންގެ ފޯނަށް ނަޒަރު ހުއްޓައިލުމާއެކު، ފެނުނު ފޮޓޯގަނޑުން ދެލޯ ބޮޑުވިއެވެ. ފަހަތުގައި މީހަކު ހުރި ކަހަލަ އިޙްސާސްއެއް ކުރެވި ޔޫލިިން ފަހަތަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ކޮނޑާ ދިމާލުން ފޯނަށް ލޯ ދިއްކޮށްގެން އޮތް އައިހަމް ފެނި އޭނާގެ އަތުން ފޯނުވެސް ދޫނުވީ ކިރިޔާއެވެ. ތުންފަތް މަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވިއެވެ. އައިހަމްއަށް އެ ފޮޓޯގަނޑު ފެނުނުކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލުމާއެކު، އޭނާއަށް ތެޅިގަނެވުނެވެ. އެ ފޮޓޯގަނޑަށް ބަލަން ހެވިފައި ހުރިކަން އައިހަމްއަށް އެނގިއްޖެކަން އެނގުމާއެކު އޭނާ ލަދުން ވިރޭވަރުވިއެވެ. ބިންފަޅާފައި އަޑިއަށް ދާނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. މޫނަށް ޖަންބުކުލައެއް ވެރިވިއިރު، އޭނާއަށް އިސްޖަހައިލެވުނީ އައިހަމްއާ ހަތަރު ކަޅި ހަމަކުރަން ނުކެރުމާއެކުގައެވެ. އޭނާއަށް ހިންދިރުވައިލެވުނީވެސް އުނދަގުލުންނެވެ.

އައިހަމްއަށްވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ޔޫލިން އެ ފޮޓޯގަނޑަށް އެވަރަށް ބެލުމުގެ މާނައަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގުނެވެ. އެ ފޮޓޯގަނޑު ނެގީ ކާކުހެއްޔެވެ؟

"މީ... އަނެއް... ދޮންބެ..." ޔޫލިންއަށް އެހެން ބުނެވުނީވެސް އަޅައަޅައިގަންނަމުންނެވެ. އައިހަމް ފުން ނަޒަރަކުން ޔޫލިންއަށް ބަލައިލުމަށްފަހު، ބަދިގެއިން ނުކުމެގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"އަދިވެސް ފޮޓޯގަނޑަށް ބަލާތި. މިއަދު ދޮންބެއަށް ފަޅާނޭރިއެއްކަމަކު މިހާރު ވީގޮތް ރީއްޗެއްނު!" ޔޫލިންއަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކުނެވެ.

"އެކަނި ހުރެގެން ކީކޭ ތިކިޔަނީ؟" ފަހަތުން އިވުނު ސަކީނާގެ އަޑާއެކު ޔޫލިންއަށް ސިހިފައި އެ ދިމާލަށް ބަލައިލެވުނެވެ.

އަިއހަމް ގޭތެރެއަށް ވަތްއިރު ރައިހާން ކޮޓަރިން ނުކުންނަނީއެވެ.

"އަހަރެން ކައިރީ މިހުރީ ބޭރުގައޭ ކިޔާފަ ތީ ވާވަރު..." އައިހަމް ބުނެލިއެވެ.

"އާޖެންޓް ކަމެއް ޖެހުނިއްޔޭ... ހިނގާ ބަދިގެ ފަރާތަށް... ކާން ރެޑީވެފަ ކަންނޭނގެ މިހާރު ހުންނާނީ..." ރައިހާން ބުނެލިއެވެ.

ދެމީހުން އެކުގައި ކާގެއާ ދިމާލަށް ހިނގައިގަތް އިރުވެސް، އައިހަމްއަށް ވިސްނެނީ ޔޫލިންއާ މެދުގައެވެ. އެ އަސަރު މޫނުމަތިން ފާޅުނުކޮށްވޭތޯ މަސައްކަތްކުރަމުން އޭނާ ގޮސް ރައިހާންއާއެކު ކާގެއަށް ވަނެވެ. އޭރު ސަކީނާވެސް އެތަނުގައި ހުއްޓެވެ. ޔޫލިންއަށް އައިހަމް ފެނުމާއެކު، އޭނާއަށް ވަގުތުން އިސްޖަހައިލެވުނެވެ. އެތަނުން ދާންވެގެން އެނބުރިލިވަގުތު، ސަކީނާ ގޮވައިލުމުން އޭނާއަށް ދާކަށް ވެސް ނުކެރުނެވެ.

"އައިހަމްއަށާއި ރައިހާންއަށް ޖޫސް އަޅައިދީބަލަ!" ސަކީނާ ޔޫލިން އަތަށް ޖޫސް ޖަގު ދިއްކޮށްލިއެވެ. އެންމެ ފުރަތަމަ ޔޫލިން ޖޫސް އަޅައިދިނީ ރައިހާންއަށެވެ. އެއަށްފަހު، އައިހަމްއާ ކައިރިއަށް އޭނާ ޖެހިލިއެވެ. އައިހަމް ސީދާ ޔޫލިންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ކަމެއް ދެނެގަނެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އައިހަމް އޭނާއަށް ބަލާކަން އެނގުމުން ޔޫލިން އިތުރަށް ހާސްވާގޮތްވިއެވެ. ނަސީބަކުން ސަކީނާ އިތުރުކަމެއް ޔޫލިންއަށް ނުޖެއްސުމުން، އޭނާ އެތަނުގައި އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް ގަސްތެއް ނުކުރެއެވެ. ނުކުމެގެން އޭނާ ދިޔައީ ކޮޓަރިއަށެވެ. އައިހަމް ނުދަނީސް ނުނިކުންނަން ހިތު އަޅައިގެން އޭނާ މޫނުމަތީގައި ބާލީސް އަޅައިލިއެވެ.

ކައިގެން ކޮޓަރިއަށް ގޮސް ވަތް އައިހަމް ނިދަން ތައްޔާރުވެގެން އައިސް އެނދުގައި ޖައްސައިލުމާއެކު، އޭނާއަށް ޔޫލިންގެ ހަނދާންތައް ގޯނާކުރަން ފެށިއެވެ.

ޔޫލިންގެ މޫނުމަތީގައި އޭނާ ފެނުމުން ހުންނަ އަސަރުތައް ތަފާތުކަން އޭނާއަށް ވިސްނުނީ އެވަގުތެވެ. އެ މޫނުމަތި މީގެ ކުރިންވެސް އޭނާ ފެނުމުން އުޖާލާވެގެންދާތަން ޚުދު އޭނާއަށް ވެސް ފެނެއެވެ. އެ ދެލޮލުގެ ވިދުން އިހުނަށްވުރެ ގަދަވެލައެވެ. ކޮންމެވެސް ކަހަލަ އުންމީދެއް އެދެލޮލުން އަބަދާ އަބަދު ފެންނަކަން ވެސް އޭނާއަށް ރޭކާލާން ފެށިއެވެ. ނިތުގައި އަތުގެ ދެ އިނގިލި ކުރި ހިންގައިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޮށޯވެ އޮންނަން އުނދަގޫވުމުން އެންމެ ފަހުން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. މިރޭ އޭނާއަށް ފެނުނު މަންޒަރުން މާނަ ނަގާނީ ކިހިނެއްހެއްޔެވެ؟ މީގެ ކުރިން އެ ދެލޮލުން ފެނުނު އަސަރުތައް އޭނާ މާނަ ކުރާނީ ކިހިނެއްހެއްޔެވެ؟

ޔޫލިންއާ އެންމެ ފުރަތަމަ ބައްދަލުވި ހިސާބުން ފެށިގެން ޔޫލިންގެ އުޅުން ހުރި ގޮތާ، އެ އުޅުމަށް ބަދަލު އައި ހިސާބަށް ވެސް އޭނާ ވިސްނިއެވެ. ޔޫލިންގެ އުޅުމަށް ބަދަލުއައީ އެންމެ ފަހުން އޭނާ އެރަށަށް އައި ފަހަރުއެވެ. އެއީ ކޮން އިރަކު އައި ބަދަލެއްކަން އޭނާ ސިކުނޑިއަށް ބާރުލާފައި ވިސްނިއެވެ. އެއާއެކު އޭނާގެ ސިކުނޑީގައި ޚިޔާލެއް ޓަކި ޖަހައިލިއެވެ. ޔޫލިންއަށް އެބަދަލުތައް އައީ އޭނާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އެނގުނު ހިސާބުންނެވެ. އެއާއެކު އޭނާއަށް އެރޭގެ ހަނދާންތައް އަންނަން ފެށިއެވެ.

* * * * *

އެރޭ ވެސް ރަށުގެ އަތިރިމަތީގައި ހުރި ޖޯލިތަކުގައި ޖައްސައިލައިގެން އެ ހަތަރު މީހުން ތިބީ ތަފާތު އެކި އެކި ވާހަކަތަކުގައެވެ. އެހެން ތިއްބާ ކުއްލިއަކަށް އައިހަމްގެ ފޯނު ރިންގްވާން ފެށިއެވެ. އޭނާ ފޯނަށް ބަލައިލަމުން ހިނިތުންވެލާ ފޯނު ނަގަމުން ވާހަކަ ދައްކަން ފެށިއެވެ. މިންހާމެން އޭރުވެސް ސަކަރާތްޖަހަމުން ދިޔައީތީ އައިހަމް ތަންކޮޅެއް ދުރަށް ފޯނު ހިފައިގެން ޖެހިލިއެވެ. އެ ހުރިހާ މަންޒަރެއް ބަލަން ޔޫލިން އިނެވެ.

"ހާޑަ އިރެކޭ އޭނާ އެވަނީ... ލީން ދޭބަލަ އޭނަ ކުރަނީ ކީއްތޯ ބަލައިލަން..." ރައިހާން އެންމެ ފަހުން އެހެން ބުނެލީ އޭނާ ދެފަހަރަކު ގޮވައިލުމުން ވެސް ފަހަތް ބަލައިލުމަށްފަހު، މަޑުކުރުމަށް އައިހަމް ބުނީތީއެވެ.

"އައި ލަވް ޔޫ ބޭބް... ވަރަށް ވަރަށް މިސްވޭ..." އައިހަމް އެހެން ބުނެލާފައި، ފަހަތް ބަލައިލިއިރު ޔޫލިން ޖެހި ބުދެއްހެން ހުއްޓިފައި ހުއްޓެވެ. އަނދިރީގެ ތެރެއިންވެސް ޔޫލިންގެ ދެލޮލުގައިވި ކަރުނައިގެ އަސަރު އައިހަމްގެ ލޮލުގައި އަޅައިގަތެވެ.

"ހޭ... ރޮނީތަ؟" އައިހަމްއަށް ސުވާލުކޮށްލެވުނެވެ.

"ނޫނޭ... މީ ލޮލަށް އެއްޗެއް ވެއްޓުނީ..." ޔޫލިން އަތުން އޭނާގެ ލޯ އުނގުޅައިލިއެވެ.

"އެހެންތަ ދައްކަބަލަ ބަލައިލަން..." އައިހަމް ޔޫލިންގެ ކުރިމައްޗަށް ހުއްޓުމުންވެސް، ޔޫލިން އޭނާއަކަށް ބަލައެއް ނުލިއެވެ.

"އެ އޯކޭވާނެ..." އެހެން ބުނެލުމަށްފަހު، ޔޫލިން ގޮސް އޭނާ ކުރިންވެސް އިން ޖޯލީގައި އިށީނދެލިއެވެ.

"ބިޓު މިސްވެގެން ގުޅީދޯ..." ރައިހާން ބުނެލިއެވެ.

"ދެން ދުރުގަ ހުންނަންޏާ މިސްވާނެ ދޯ..." އައިހަމް ހީގަތެވެ.

"އަހަރެން ވަރަށް ބޮޑަށް އެބަ ބޮލުގަ ރިއްސާ... ގެއަށް ގޮސްލަންތަ؟" ކުއްލިއަކަށް ޔޫލިން ބޮލުގައި ރިއްސާކަމަށް ބުނެލިއެވެ. މިންހާ ޔޫލިންއަށް ބަލައިލިތަން އައިހަމްއަށް ފެނުނެވެ.

"އެންމެންވެސް މިރޭ ދެން ދަމާ..." މިންހާ ބުނެލިއެވެ.

"އޯކޭ... އެއޮތް ދިހަގަޑި ބައިވެސް ވަނީ ވިއްޔަ. ހިނގާ ދަމާ..." ރައިހާންވެސް އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލިއެވެ. މަގުމަތީގައި ހިނގަމުންދިޔަ ޔޫލިން ހުރީ ވިސްނުމަކަށް ގެއްލިފައެވެ.

އައިހަމް ފަަހަތުގައި ހުރެފައި، ކުރީގައި ހުރެ ހިމޭންކަމާއެކު، ހިނގަމުންދިޔަ ޔޫލިންގެ ގާތަށް ޖެހިލާ ކޮނޑުގައި ދެ އަތް އަޅުވައިލާ ސިއްސުވައިލަން މަސައްކަތް ކުރިނަމަވެސް ޔޫލިންއަށް އެކަމުންވެސް އެއްވެސް އަސަރެއް ނުކުރެއެވެ.

"އޭތް... ލީން..." އައިހަމް ޔޫލިންއަށް ގޮވައިލިއެވެ.

"އާ..ހޫމް..ކީކޭ؟" ޔޫލިންއަށް ސިހިފައި ބުނެވުނެވެ. އޭނާ ހުރީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައެވެ.

"ކޮން ދުނިޔެއެއްގަ ތިއުޅެނީ..." އައިހަމްއަށް ސުވާލުކޮށްލެވުނެވެ.

"ނޫނޭ އެއީ... ބޮލުގައި އެބަ ވަރަށް ގަދައަށް ރިއްސާ... އެހެންވެގެން..." ޔޫލިން ބުނެލިއެވެ.

"ކުއްލިއަކަށް ރިއްސަންފެށީ ކީއްވެގެން؟ ގެއަށް ގޮސް ބޭސް ކައިލައިގެން އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ." ރައިހާން ބުނެލިއެވެ. ޔޫލިން ބޯ ޖަހައިލިއެވެ. ގެއާ ހިސާބަށް ދެވެން ދެންވެސް ޔޫލިން ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާ އެންމެ ކުރިން ގެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަނުމާއެކު، މިންހާވެސް ގޮސް ޔޫލިންގެ ކޮޓަރިއަށް ވަނެވެ.

އެދުވަހަށްފަހު ޔޫލިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިކަން އައިހަމްއަށް ފާހަގަކުރެވުނެވެ. އޭނާއާ ސަކަރާތްޖަހާ ވާހަކަ ދެއްކުން މަދުވިއެވެ. ގިނަފަހަރު އެއްޗެއް ބުނަނީ ވެސް މަޖުބޫރުވެގެން ކަހަލަ ގޮތަކަށެވެ. ހީވާކަހަލައެވެ. އޭނާ އައިހަމްއާ ވާހަކަ ދައްކަން ބޭނުންނުވަނީއެވެ. އޭނާ ހުންނަ ތަނަކަށް އައިހަމް އަޔަސް އަވަސް އަވަހަށް ކޮންމެވެސް ކަމެއްގެ ބަހަނާ ދެއްކުމަށްފަހު، ފިލުން އާދައަކަށް ވިއެވެ. އެކަމުން އައިހަމްއަށް ވެސް އުނދަގޫވަމުންދިޔައެވެ. އޭނާ ހީކުރީ އެހާ ގާތްކޮށް ޔޫލިން އުޅެފައި ކުއްލިއަކަށް ދުރުވުމުން ވީ ގޮތެއްކަމުގައެވެ.

* * * * *

ޚިޔާލުތަކުން ނުކުންނަމުން ވިސްނިވަރަކަށް އައިހަމްގެ ސިކުނޑިއަށް ވާންވަމުން ދިޔައެވެ. ނާރުތަކަށްވެސް ފާޑަކަށް ފިނިވާން ފެށިއެވެ. އެ ހުރިހާކަމަކުންވެސް އޭނާއަށް ނިންމުނީ އެންމެ ނިންމުމެކެވެ. ޔޫލިން އަނެއްކާ އޭނާއާ ގަޔާވަނީ ހެއްޔެވެ؟ އޭނާ ދެކެ ލޯބިވަނީ ހެއްޔެވެ؟ އާއެކެވެ. މިރޭ އެކަނި ފެނުނު އަސަރުތަކުންވެސް އޭނާއަށް މާނަ ކުރެވުނީ ހަމައެކަނި އެހެންނެވެ. އެކަމަކު އޭނާ އެކަން ޔަޤީންކުރާނީވެސް ކިހިނަކުންހެއްޔެވެ؟ ޔޫލިން ކައިރީގައި އަހަންވީހެއްޔެވެ؟ ނޫނެކެވެ. އެއީ ރަނގަޅުގޮތެއް ނޫނެވެ. މިންހާ ކައިރީގައި އަހަންވީއެވެ. މިންހާއަށް ޔޫލިންގެ ހުރިހާ ހަޤީގަތެއް އެނގޭނެއެވެ.

އެރޭ ފުރޮޅި ފުރޮޅި އައިހަމްއަށް އެނދުގައި އެތައް އިރެއްވަންދެން އޮވެވުނެވެ. އޭނާއަށް ޔޫލިންގެ ޚިޔާލުތައް އުނދަގޫކުރަމުން ދިޔައެވެ. ވަކި ހސާބަކުން އޭނާއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ޔޫލިންއަށް އެބަދަލުތައް އައުމުން އޭނާގެ ހިތަށް އޭރުވީ އުދަނގޫތަކަކީ ކީއްވެގެންވީ އުނދަގޫތަކެއްހެއްޔެވެ؟ އަނެއްކާ އޭނާގެ ހިތުގައިވެސް ޔޫލިންއަށްޓަކައި އިޙްސާސްތަކެއް ވަނީހެއްޔެވެ؟ އޭނާއަށް ޔޫލިންއާ މެދު އެހާވަރަށް އެ ވިސްނެނީ ކީއްވެގެންހެއްޔެވެ؟ ވިސްނި ވަރަކަށް އޭނާގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. ހަދަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

އެރޭ ހަތަރު ދަމުވެސް އައިހަމްއަށް ވިސްނުނީ ޔޫލިންއާ މެދުގައެވެ. އޭނާ މިހާރު ބޭނުންވަނީ އެކަން ޔަޤީންކުރާށެވެ. އޭނާގެ ހިތުގައިވެސް ޔޫލިންއާ މެދު ކޮންމެވެސް އިޙްސާސްތަކެއް އެބަވެއެވެ. ނުވާނަމަ މިވަރަށް ޔޫލިންއާ މެދު ވިސްނުމުގެ ބޭނުމެއް ނެތެވެ.

*****

ޝިޒާން ހަނީފް ކައިރީގައި އިނދެފައި ގޮނޑިން ތެދުވެލުމާއެކު، ހަނީފް ސުވާލުކޮށްލިއެވެ.

"ގެއަށް ދަނީތަ؟ ދާން އެނގޭނެ؟" އޭނާ އަހައިލިއެވެ.

"މިހާރު އެނގޭނެހެން ހީވަނީ..." ޝިޒާން ބުނެލިއެވެ. އޭނާ ލުއިކޮށް ހިނިތުންވެލިއެވެ.

"ނޭނގެންޏާ މިންހާ ގޮވައިގެން ދޭބަލަ!" ހަނީފް ބުނެލިއެވެ.

"އޯކޭވާނެ! އެހެންނޫނަސް އަނެއްކާ ގޮސްފަ އަންނަން ވީމަ މިންހާއަށްވެސް އުނދަގޫވާނެ ދޯ!" ޝިޒާން މިންހާއަށް ބަލައިލިއެވެ.

"ނޫނޭ އަހަންނަކަށް އުނދަގުލެއް ނުވާނެ!" މިންހާ ހަނީފްއަށް ބަލައިލަމުން ބުނެލިއެވެ.

"އެކަމަކުވެސް އޯކޭ. ނޭނގުނިއްޔާ މަގުމަތިން ދާ މީހަކު ކައިރީގައި އަހާލާނީ. ހިނގަންވެސް ދަސްކުރަން ވާނެއެއްނު!" ޝިޒާން ބުނެލިއެވެ. އެއަށްފަހު އޭނާ ވޯޑުން ނުކުންނަން ހިނގައިގަތެވެ. ނުކުމެގެން ހިތު ލަފަޔަށް ޝިޒާން ހިނގަމުން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ގެ ހުންނަ މަގަށް އެޅުމުން އޭނާ ހިސާބަކަށް ފިޔަވަޅުތައް ބާރުކޮށްލިއެވެ. ކޮޓަރިއަށް ވަދެފައި އޭނާ ފުރަތަމަވެސް ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނުކުމެ އެނދުގައި ޖައްސައިލުމަށްފަހު، އޭނާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އޮތެވެ.

*****

ބައްޕަ ކައިރީގައި އިން މިންހާއަށް ވައިބާއިން އާހިލްގެ މެސެޖެއް ލިބުނެވެ. މެސެޖުގައި އޮތީ މިންހާ މަތިން ވަރަށް ހަނދާންވާ ވާހަކަ ބުނެފައެވެ. އޭގެ އިތުރުން ބައްޕަގެ ޙާލަތުވެސް އަހާފައި އޮތެވެ. މިންހާ އެމެސެޖަށް ޖަވާބު ދިނެވެ. އިރުކޮޅަކުން އަނެއްކާވެސް އައީ އާހިލްގެ މެސެޖެކެވެ.

"މިރޭ ވެސް މިންނުތަ ބައްޕަ ކައިރީގައި؟. އަހަންނާ ވާހަކައެއް ދައްކައެއް ނުލެވޭނެ ދޯ..." އާހިލް އަހާފައި އޮތެވެ.

"ނޫނޭ ބައްޕަ ނިދީމަ، އަހަރެން ގުޅައިލަންތަ؟" މިންހާ ސުވާލުކޮށްލިއެވެ.

"ނޫނޭ... މިރޭ ދެން އަހަރެން ނިދާލަން މިއުޅެނީ... މާދަން ގުޅާނަން އިނގޭ..." އާހިލް އެހެން ބުނެލާފައި ރޭގަނޑުގެ ސަލާން ކޮށްލުމަށްފަހު، "ރެޑް ހާޓް އެމޯޖީއެއް" ފޮނުވައިލަމުން އޭނާ މިންހާ ދެކެ އިންތިހާ ލޯބިވާކަމަށް ބުނެލިއެވެ. އެ މެސެޖުގައި މިންހާއަކީ ހަމައެކަނި އޭނާގެ މީހެއްކަން ހަނދާން ބެހެއްޓުމަށް އެދިފައިވެއެވެ. ދުވަހަކުވެސް އޭނާ މިންހާ ދެރަނުކުރާނަންކަމުގައި ބުނެފައި އޮތެވެ. މިންހާގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ.

(ނުނިމޭ)