އަވަސްއަރުވާލައި، ސިޔާސީ ކަންކަން ޙައްލުކުރަން އުޅޭނަމަ ނުކުންނާނީ، މިހާރަށްވުރެ ވެސް ބޮޑު އުނދަގޫ ހަމަނުޖެހުންތަކެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް ވަޑައިގެން އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން ރައީސް ވަހީދު މިރޭ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަކީ ރައްޔިތުންނަށް ތެދުވެރި، ރައްޔިތުން ދެކެ ލޯބިވާ އަދި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ސަރުކާރެއް ކަމަށެވެ. އެމަނިކުފަނާއި އެމަނިކުފާނާއެކުގައި ތިއްބެވި ވެރިންނަކީ ވެރިކަމުގައި ބަގުޑި ބައްދަވަން އުޅުއްވާ ބައެއް ނޫން ކަމަށެވެ. ބޭނުންފުޅު ވަނީ ދިވެހި ގައުމު އަމާން މަންޒިލަކަށް ގެންގޮސްދިނުން ކަމަށެވެ.

ވެރިކަމުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުތީ އިސްލާމް ދީނަށް ފުރައްސާރަކޮށް ޑިމޮކްރަސީ އަށް ގޮންޖަހައި ތަކުރާރުކޮށް ގާނޫނާ ހިލާފު އަމަލުތައް ކުރަމުން ދިއުމުން ކަމަށް އިޝާރާތް ކުރައްވާ ރައީސް ވަހީދު ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށްވެސް އުނދަގޫ މައްސަލަތަކަކާ ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާއި އެންމެބޮޑު ސަބަބަކީ، ސިޔާސީ ކަންކަމާމެދު ހިތްހަމަނުޖެހިފައި ތިބި ބަޔަކު، މި ޤައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދިޔުން ކަމަށެވެ. ނަމަވެސް، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ ކޯޅުންގަނޑަކީ، އެއީ އެއްވެސް ހާލެއްގައި، އެކަމުން ފައިދާކުރާނެ ކޯޅުމެއް ނޫން ކަމަށެވެ.

"ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުން އަމިއްލައަށް އިސްތިޢުފާ ދެއްވިކަން އެއީ، އަޅުގަނޑަށް އެކަން ޔަޤީންކުރެވޭ ކަމެއް. ނަމަވެސް އެއަށްފަހުގައި، އޭގެ 24 ގަޑިއިރުފަހުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މުޅިން ތަފާތު މަންޒަރެއް. މި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި، މި ޤައުމުގައި ހަލަބޮލިކަން އުފެއްދުމަށްޓަކައި އަދި ރައްޔިތުންނަށް ނުރައްކާތެރި ކަންކަން ކުރިމަތި ކުރުމަށްޓަކައި، ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އެބަގެންދޭ. އެކިއެކި ނޫސް މަޖައްލާ އަދި މީޑިއާ މެދުވެރިކޮށް، ޓެލެވިޜަން މެދުވެރިކޮށް، ރައްޔިތުންގެ މެދުގައި ޙަސަދަވެރިކަމާއި ފިތުނަ އުފެއްދުމަށްޓަކައި، ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އެބަދޭ. މީގެ އަސަރު، ކޮންމެވެސްވަރަކަށް އެކިދިމަދިމާލުން މި ރާއްޖޭގައި މިހާރު ކުރަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުގެ މަގާމާ ޙަވާލުވުމަށްފަހުގައި، އެންމެ ފުރަތަމަވެސް އިޢުލާނުކުރެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށާއި ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެކީގައި މަސައްކަތް ކޮށްގެން، ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލަކީ، އަމާން، އޮމާން މާޙައުލެއް ކަމުގައި ހަދައި، ސިޔާސީ މަސްރަޙުގައި ކުރިމަތިވެފައިވާ އެކިއެކި އަޑިގުޑަންތަކުން ސަލާމަތްވެ، އަޅުގަނޑުމެންނަށް އިންޞާފްވެރި، ހަމަހަމަ އިންތިޚާބެއް ބޭއްވޭނެ މާޙައުލެއް، އެންމެންވެގެން އުފައްދައިދޭނެ ކަމަށެވެ.
"މިނޫން ގޮތަކަށް އަވަސްއަރުވާލައި، ސިޔާސީ ކަންކަން ޙައްލުކުރަން އުޅުމުން، މީގެ ސަބަބުން ނުކުންނާނީ، މިހާރަށްވުރެވެސް ބޮޑު އުނދަގޫ ހަމަނުޖެހުންތަކެއް. އޭގެ ސަބަބުން ގިނަ ބަޔަކަށް، އޭގެ ނުރައްކަލާއި ނިކަމެތިކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑު މި އިލްތިމާސް ކުރަނީ، އަޅުގަނޑު މި ގޮވާލަނީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެވަޑައިގެން،" ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކައި ފީނަލް ކޯޑް ފާސްކުރަން ޖެހޭ. އަޅުގަނޑުމެންގެ ޖުޑިޝަރީ ބަދަލު ކުރަން ޖެހޭ. އަޅުގަނޑުމެންގެ އަމިއްލަ މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ. މިހެން ގޮސް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. މިކަންކަން ކުރަން ފެށުމުން އިދާރަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ދެންނެވި ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުވައްމުލަކުގައި ކުރިއަށް ގެންދަން ސަރުކާރުން ރާވާފައިވާ ހުރިހާ މަޝްރޫއެއް ވެސް ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އަދި ފުވައްމުލަކުގެ ތަރައްގީ އަށް ކުރަން ރާވައިވާ ކަންތައްތަކުގެ ތެރެއިން އެ ރަށުގެ އެއާޕޯޓް މިހާރަށް ވުރެ ރަނގަޅަށް ތަރައްގީ ކުރެވޭނެ ކަމަށާއި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި އަރަބި އިސްލާމީ ތައުލީމު ދޭ މަރުކަޒެއް ވެސް ފުވައްމުލަކުގައި ގާއިމްކޮށް ދެއްވާނެ ކަމަށެވެ.