25 Sep 2021, 20:21
ތައުލީމު ދިނުމުގެ ތެރޭގައި އާޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ އެހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް (ޔުނިޓާ)ގެ ނިއުޔޯކް އޮފީހުގެ ހެޑް، މާކޯ ސުއާޒޯ އާއި، ގްލޯބަލް ފައުންޑޭޝަން ފޯ ޕާފޯމިންގ އާރޓްސް (ޖީއެފްޕީއޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރ ލޫސިއާ ޖޭ. ގުއޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްތާގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ ބައިރޮން ޒޫއޮ އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލު ކުރެއްވުން ބޭއްވީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ.
ފަޒްނާ ވިދާޅުވީ އެކަމަނާއަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަމަށެވެ.
ބައްދަލު ކުރެއްވުމުގައި އެކަމަނާ ވަނީ ޔުނިޓާ އާ ޖީއެފްޕީއޭ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި މައުލޫމާތު ހޯއްދަވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ފަޒްނާ ވަނީ ޔުނިޓާއާއި ޖީއެފްޕީއޭގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ޔޫއެންޖީއޭ ކުރިޔަށްދާއިރު އެކަމަނާ ނިއުޔޯއަށް ކުރެއްވި އެ ދަތުރުފުޅަކީ މިފަދަ ފައިދާހުރި އައު ޕާރޓްނަރޝިޕް ފުރުސަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުގެ ތެރެއިން ފަޒްނާ ވަނީ، ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާ އަދި ޖީއެފްޕީއޭ އަށް ހުށަހަޅުއްވާފައެވެ.
ޔުނިޓާ އަދި ޖީއެފްޕީއޭގެ ބޭފުޅުން ވަނީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް ހާއްސަކޮށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވަރަށް އަވަހަށް މަޝްވަރާތައް ފެއްޓުމަށް އެއްބަސްވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ޔުނިޓާ އާއި ޖީއެފްޕީއޭގެ ފަރާތުން ބައިވެރިވި ބޭފުޅުން ވަނީ އާޓް އަދި މިއުޒިކަކީ އިލްމީ ކަންކަމާއި ސިއްހީ ދުޅަހެޔޮ ކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަން ފާހަގަކުރައްވައި، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވާސިޓީތައް ކަމުގައިވާ ހާވަރޑް ޔުނިވާސިޓީއާއި މަސަޗޫސެޓްސް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ފަދަ ޔުނިވާސިޓީތައް ބައިވެރިވެގެން ކުރިޔަށްގެންދާ މިފަދަ ބައެއް އޮންލައިން ކޯސްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ސްކޫލް ކުދިންނަށް އާޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން ދަ ޓްރެއިންނާ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިބިކަން އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.
ބައްދަލުވުން ނިންމާލީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ގޮތަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް ގެންދެވާނެކަން ފާހަގަކުރައްވަމުންނެވެ.