ކޮވިޑް-19 ޖެހިގެން ށ. ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި މީހަކު މަރުވެއްޖެއެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މި މަސްތެރޭގައި މަރުވި ފަސް ވަނަ މީހާއެވެ.

ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު "ސަން"އަށް ވިދާޅުވީ އެއަތޮޅު މިލަންދޫއިން ފުނަދޫ ކޮވިޑް ފެސިލިޓީއަށް ގެނައި އުމުރުން ދުވަސްވީ ކޮވިޑް ބަލި މީހަކު މަރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މަރުވިއިރު އޭނާއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.

މި މީހާ މަރުވެފައިވަނީ މިއަދު މެންދުރުފަހު 02:30 ހާއިރުއެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 231 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހަކު އިއްޔެ ވެސް ވަނީ މަރުވެފައެވެ. އިއްޔެ މަރުވީ 45 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 61 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހަކާއި އަތޮޅުތަކުން ބަލި ޖެހުނު 24 މީހަކާއި ރިޒޯޓުތަކުން ޕޮޒިޓިވްވި އަށް މީހަކު ހިމެނެއެވެ.

އެއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،164 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,612 މީހަކަށް ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެނީ 16 މީހަކަށް ކަމަށް ރޭ އެޗްޕީއޭއިން ބުންޏެވެ.