25 Sep 2021, 18:50
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ނުވަނުމުން މެންޗެސްޓާ ޔުނައިޓެޑް، ލީގުގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން އެސްޓަން ވިޔާ އެ ޓީމުގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ޔުނައިޓެޑު ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. މިއަދުގެ މެޗުން މޮޅުވެގެން އެއްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތްނަމަވެސް އެ ޓީމަށް ހަ މެޗު ކުޅެގެން ލިބިފައިވަނީ 13 ޕޮއިންޓެވެ.
މިވަގުތު ގޯލުގެ ތަފާތުން އެއްވަނައިގައި އޮތް ލިވަޕޫލް ވެސް އެއް މެޗު މަދުން ކުޅެގެން 13 ޕޮއިންޓްގައި އޮތް އިރު، މިއަދު ޗެލްސީ ބަލިކޮށް ހަ މެޗުން 13 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީ ވަނީ ދެވަނައަށް ޖެހިލައިފައެވެ. ތިންވަނައިގައި އޮތް ޗެލްސީ ވެސް މިއަދުގެ މެޗުން ބަލިވެ އޮތީ 13 ޕޮއިންޓާއެކުއެވެ.
އިނގިރޭސި ލީގު ކަޕުގައި ވެސްޓްހަމް އަތުން ބަލިވުމަށްފަހު އައިސް ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޔުނައިޓެޑުން ފެށީ ވަރުގަދަ ސްކޮޑަކާ އެކުއެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޔުނައިޓެޑުން ގޯލު ޖަހަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި، އެސްޓަން ވިޔާއިން މެޗުގައި ލީޑު ނެގީ 88 ވަނަ މިނަޓުގައި އެ ޓީމުގެ ޑިފެންޑަރު ކޯޓްނީ ހޯސްއެވެ.
މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. ވީއޭއާރު ބެލުމަށްފަހު ޔުނައިޓެޑަށް ދިން ޕެނަލްޓީ ބްރޫނޯ ފަނަންޑޭޒް ފޮނުވާލީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މިރޭގެ މެޗަކީ މިފަހަރުގެ ލީގުގައި ޔުނައިޓެޑުން ބަލިވި ފުރަތަމަ މެޗެވެ. އަދި އެހެންމެ ވޭތުވެ ދިޔަ 15 މެޗުގެ ތެރެއިން އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.