ފެބުރުއަރީ ހަތް ވަނަ ދުވަހު ބަޑި ހުރި އެހެން ސިފައިންގެ މަރުކަޒުތަކުންނާއި އުޅަނދުފަހަރު ބަޑި ގެނެސް ފުލުހުންނާ ގުޅުނު ސިފައިންގެ އަތުގައި ބަޑި ހުރިކަން އެގޭ ކަމަށް ފެބްރުއަރީ 6،، 7 ގެ ހާދިސާތަކަށް ފަހު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން ނަޝީދު މިރޭ އެރަށުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފެބުރުއަރީ ހަތެއްގައި ސިފައިންގޭގެ ތެރޭގައި ކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި އެއީ އެމަނިކުފާނަށް މަޖުބޫރު ކަމެއް ކަމަށެވެ.

"ފެބުރުއަރީ ހަތެއްގައި ރާއްޖޭގައި ކަންހިނގާ ދިޔަ ގޮތް އަދި ވަކިން ހާއްސަކޮށް [އަޅުގަނޑު] އިސްތިއުފާ ދިނުމަށް މަޖުބޫރުވި ގޮތް ތިޔަބޭފުޅުންނާ ހިއްސާ ކުރުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑަށް މަޖުބުރު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފެބުރުއަރީ 7 ވަނަ ދުވަހު އެމަނިކުފާނު އިސްތިއުފާ ދިނުމަށް މަޖުބުރު ކުރީ ސިފައިންގެ މައި މަރުކަޒު ބަނޑޭރިގޭގައި ހުއްޓާ ކަމަށާއި އޭގެ ކުރިން ސްޓާފޯސް ފުލުހުންގެ ބަޔަކު އިހުތިޖާޖު ކުރުމަށް ކަމަށް ބުނެ ޖުމްހޫރީ މައިދާނުގައި އެމީހުން ތިބުމުން އެރޭ 12:00 ޖެހި އިރު އެމީހުން ހައްޔަރު ކުރުމަށް ސިފައިނަށް އަންގެވުމުން ފަތިހު 5:00 ޖަހަންދެން ވެސް ސިފައިންނަށް އެކަން ނުވި ކަމަށެވެ.

"އަޅުގަނޑު ބަނޑޭރިގޭގައި ހުރެ ސިގައިންގެ ކިބައިން އެދުނިން ބަޣާވަތް ކުރަމުންދިޔަ ފުލުހުން ހައްޔަރު ކުރަން. ސިފައިންގެ ތެރޭގައި ވެސް އަވަގުތު ތިބި ވަރަށް ގިނަ ބަޔަކު ތިބީ ބަޣާވާތް ކުރަމުން ދިޔަ ފުލުހުންނަށް ބައިއަތު ހިފައިގެން ފުލުހުންނާ އެކުގައި. އެހެންވީމާ ސިފައިންނަކަށް އެ ފުލުހުން ހައްޔަރު ކުރެވުނު ކަމަކަށް ނުވި. ސިފައިންގެ ތެރެއިން ދެންތިބި މީސްކޮޅެއް އެދުވަހު ތަކުރާރުކޮށް އަޅުގަނޑުގާތުގައި އެދެމުން ދިޔައީ ބަޑި ގުދަން ހުޅުވައި ދިނުމަށް އެމީހުންނަށް ބަޑި ދީފިނަމަ އެމީހުންނަށް ބަޑިޖަހާ އެކަން ނިންމި ދާނެ ކަމަށް އަދި ފުލުހުން ހައްޔަރު ކުރެވިދާނެ ކަމަށް،" ވެރިކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ބަޑި ގުދަނުގެ ވާހަކަ މިރޭ ވެސް ތަކުރާރު ކުރެއްވެވި އެވެ.

"އަޅުގަނޑަށް އަދި އިތުރަށް އެނގުނު ގޮތުގައި ސިފައިންގެ ތެރެއިން ކިތަންމެ ބަޔަކު ބަޑި ގުދަނުގައިހުރި ބަޑިތަކުގެ އިތުރުން ބަޑި ހުރި އެހެން ސިފައިންގެ މަރުކަޒުތަކުންނާއި އުޅަނދުފަހަރުން ބަޑި ގެނެސްފައި ސިފައިންގެ ތެރެއިން ބަޣާވާތް ކުރަމުން ދިޔަ ފަރާތްތަކުގެ އަތުގައި ހުރިކަން ވެސް އަޅުގަނޑަށް އެނގުނު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ކުޅުދުއްފުށީގައި މިރޭ ވިދާޅުވީ ރާއްޖެ މިއޮތީ ދުވަހަކުވެސް ނުދެކޭ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާއި މިއަދު ނެގޭ މިސްރާބަކުން ހަރާބުގެ މަގަށް ދެވިދާނެ ކަމަށާއި އެހެންވެ ފެބުރުއަރީ ހަތެއްގައި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށް ހެއްދެވީ ސިފައިންގެއިން ނުކުމެ ވަޑައިގެން ރައްޔިތުންގެ ގާތަށް ދެވޭނެ ފުރުސަތެއް ހޯއްދެވުން ކަމަށެވެ.

"[އެހެންވެ] މަޖުބޫރުކޮށްފައި އޮތްއޮތުމަށް ބޯ ލަނބައި އަޅުގަނޑު އިސްތިއުފާ ދިންކަމަށް އެދުވަހު ރާއްޖެއަށް އިއުލާން ކުރީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭގެ ފަހުން އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރު ކުރައްވަމުން ކަމަށާއި އެއީ ރާއްޖެ އަލުން އަނބުރާ ރައްޔިތުންނަށް ރައްދުކޮށްދޭން ޖެހޭތީ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ޒާމަންތަކެއް ވަންދެން އުންމީދު ކުރަމުން އައި އެދުމާއި އިހުސާސްތަކާ އެއްގޮތްވާ ގޮތުގެ ވެރިކަމެއް ހިންގުން ރައްޔިތުންނަށް އަނިޔާ ނުވެ ލާބައާ މަންފާއަށްޓަކައި ވެރިކަން ހިންގުން ރައްޔިތުިންގެ ފައިސާއަށް ހިޔާނާތް ނުވެ ރައްޔިތުންގެ ތަރައްގީއަށްޓަކައި ފައިސާ ހަރަދު ކުރަމުން ގެންދާނެ ވެރިކަމެއް މިރާއްޖޭގައި ހިންގުމަށް،" ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބު ކުރައްވާ ނަޝީދު ވިދާޅުވީ ކުޅުއްދުއްޓާ ތިލަދުންމަތީގެ ހިއްސާއަކާ ނުލައި ރާއްޖޭގެ ވެރިކަމެއް އުފެދުމާއި ނެތުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ އަވަސް އިންތިހާބެއް ކަމަށެވެ. އަވަސް އިންތިހާބަކަށް ދިއުމަށްޓަކައި ކުރަން ހުރި ކަންކަން ކުރަންޖެހޭ ކަމަށާއި ހާއްސަކޮށް ކުޅުދުއްފުށީ ކައުންސިލު އެކަމަކުގައި ފަހަތަށް ނުޖެހުމަށް އެމަނިކުފާނު ގޮވާލެއްވެވި އެވެ.

"މާލޭގައިވާ ވެރިކަން ޣައިރު ގާނޫނީވެ ހިނގައްޖެ މިތަނުގައި އިންތިހާބުވެފައިވާ ކައުންސިލަކީ މިރަށުގެ ރައްޔިތުން މިރަށުގެ ތަރައްގީއަށްޓަކައި އިންތިހާބު ކޮށްފައިވާ ކައުންސިލެއް މިއަދު އެ ކައުންސިލު ހީނަރުވެ ގޮސްފިނަމަ އަޅުގަނޑުމެން ކުރި ވަރަށް ބޮޑު އުންމީދެއް މާޔޫސްވެ ދާނެ. ރާއްޖޭގެ ވެރިކަން ގެއްލުމެއް ނޫން އަޅުގަނޑުމެން ހަމައެކަނި ކަންބޮޑުވާ ކަމަކީ އަޅުގަނޑުމެން ގާއިމުކުރި އެތައް ނިޒާމެއް މިއަދު ފަނާވެ ފަނޑުވެދާތި. ކުޅުދުއްފުށީ ކައުންސިލުގެ ހިންގުން ވެސް، ތެދުވުން ވެސް ކުޅުދުއްފުށީގެ ރައްތޔުިތުންގެ ހިމާޔަތުގައި ގަދަ އަޑުން އޮންނަން ޖެހޭނެ،" ނަޝީދު ވިދާޅު އެވެ. އަދި ވިދާޅުވީ ކުޅު ދުއްފުށީ ކައުންސިލަކީ އެ ކައުންސިލުގެ 11 ގޮނޑި އެމްޑީޕީން އަށް ވޯޓް ދީގެން ހޮވާފައިވާ މެންބަރުން ތިބި ގޮނޑިތައް ކަމަށާއި ކުޅުދުއްފުށީ ކައުންސިލަށް ފަހަތަށް ނުޖެހެވޭނެ ކަމަށެވެ.

"ކުޅުދުއްފުށީގެ ކައުންސިލަރުންކނަކަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހެނޭވެނެ. މިއީއަކީ އެ ކައުންސިލަރުން ފަހަތރަށް ޖެހެންވީ ވަގުތު ނޫން . ކުޅުދުއްފުށީގެ ކައުންަސިލަރުންނަށް ފިނޑިކަން ދެއްކޭކަށް ނެތް،"

ރައީސް މުހައްމަދު ނަޝީދު ބަޑިގުދަނުގެ ވާހަކަ އާއި ހަތިޔާރު ހުރި ސިފައިން ފުލުހުންނާއެކު ފެބުރުއަރީ ހަތެއްގައި ތިބި ކަމަށް ވިދާޅުވާއިރު ގައުމީ ދިފާއީ ބާރުން މިއަދު ބުނެފައި ވަނީ ފެބުރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާދެއްވުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި ހިނގަމުން އައި ހަމަނުޖެހުންތައް ހައްލުކުރުމަށް އެއްވެފައިވާ މީހުން ގަޔަށް ބަޑިޖެހުމަށް ބަޑި ގުދަން ހުޅުވުމަށް ސިފައިން އެދުނު ކަމަށް ނަޝީދު ވިދާޅުވާ ވާހަކައަކީ ހަގީގަތާ ހިލާފަށް ދައްކަވާފައިވާ ވާހަކަފުޅެއް ކަމަށެވެ.