25 Sep 2021, 14:12
މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް 40 އަހަރު ވިޔަސް އެންމެ މަތީ ލެވެލްގައި ހިފާއްޓާލެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނެފިއެވެ.
ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސްއިން ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯ އަންނަނީ އޭނާ ކުޅޭ ކޮންމެ މެޗެއްގައި ތަފާތު ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ކުޅުނު ތިން މެޗުގައި ހަތަރު ގޯލު ވަނީ ޖަހައިދީފައެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދި އުމުރުން 36 އަހަރުގެ ރޮނާލްޑޯ އެންމެ މަތީ ލެވެލްގައި ހިފަހައްޓާތާ ގިނަ އަހަރުތަކެއް ވެފައި ވާއިރު، ކުރިއަށް އޮތް ފަސް ވަރަކަށް އަހަރު ވެސް ހަމަ އެ ފެންވަރުގައި ރޮނާލްޑޯއަށް ހިފޭއްޓޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ގަބޫލުކުރެއެވެ.
"އަހަރެން އެއްވެސް ވަރަކަށް ހައިރާނެއް ނުވާނެ އުމުރުން 40 އަހަރުގައި ވެސް ރޮނާލްޑޯ އެ ފެންވަރުގައި ކުޅެގެން،" ލީގުގައި އެސްޓަން ވިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ސޮލްޝެޔާ ބުންޏެވެ.
"އޭނާ [ރޮނާލްޑޯ] އަމިއްލަ ހަށިގަނޑަށް ބަލާ މިންވަރު ވަރަށް ސާފު. އެއީ ހަގީގީ ތަޅުދަނޑިއަކީ. އެ ތަޅުދަނޑި އަކީ ރޮނާލްޑޯ އެހާ ދުވަހު އެ ފެންވަރުގައި ހިފެހެއްޓޭ އެއް ސަބަބު."
ސޮލްޝެއާ ބުނީ ރޮނާލްޑޯގެ މޮޅުވުމުގެ މެންޓަލިޓީއަކީ އޭނާ ކުރިއަށްދާން ލިބިދޭ ހިތްވަރެއް ކަމަށާއި އޭނާގެ ފަޔާއި ބޮލަށް ކެތް ނުވާވަރު ވަންދެން އެ ވަރެއްގައި ހިފަހައްޓާނެ ކަމަށެވެ.
ޔުނައިޓެޑަކީ މިފަހަރުގެ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދި ޔުނައިޓެޑް އަންނަނީ މިފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.