27 Feb 2012, 20:28
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އެމްޑީޕީގެ ލީޑަރުންނެތިގެން ނޫން ކަމަށް ބުނެ ރައީސް ވަހީދަށް އެމްޑީޕީން ރައްދު ދީފި އެވެ.
މިއަދު ހަވީރު އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ވަހީދު ކުރީގެ ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ނެންގެވީ އެމްޑީޕީގައި ލީޑަރުން ނެތިގެން ނޫން ކަމަށެވެ.
"އެނާ އަކީ [ޑރ. ވަހީދަކީ] ދިވެހި ރައްޔިތަކަށްވާތީވެ ކޮންމެ އިންތިހާބަކުން ބަލިވެ ފިއްލަވާތީވެ ފިލުން ހުއްޓުވާލުމަށް ކުރި ކަމެއްގެ ގޮތުގައި [ރަނިންމޭޓަކަށް ނެންގެވީ ކަމަށް] ގަބޫލު ކުރެވެނީ،" އިންތި ވިދާޅުވި އެވެ.
ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ތައީދު ނެތިގެން ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވާ އިންތި ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ވަހީދު އަރައިވަޑައިގަންނަވަން ޖެހުނު ގޮތުން ވެސް ތައީދު އޮތީ ކޮންބޭފުޅަކަށްކަން އެނގޭނެ ކަމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށް ރައީސް ވަހީދު ފަސްޖެހިވަޑައިގަންނަނީ އެމްޑީޕީއަށް ތައީދު އޮތްވަރު އެނގިވަޑައިގަންނަވާތީ ކަމަށެވެ.
މީގެ އިތުރުން ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއް ދިމާވެގެން ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވި ނަމަވެސް އެއީ އިތުރުފުޅެއް ކަމަށާއި މަޖުބޫރީ ހާލަތެއްގައި އިސްތިއުފާ ދެއްވަމުން އިސްތިއުފާ ދެއްވަނީ މަޖުބޫރީ ހާލަތެއް ދިމާވެގެން ކަމަށް ވިދާޅުނުވެވޭނެ ކަމަށްވެސް އިންތި ވިދާޅުވި އެވެ.
"ރައީސް އޮފީހަށް އެއްގޮތަކަށް ވެސް ބެހުމެއް ވެސް ނެތް ސިފައިންގެ އަށް ނިސްބަތްވި ކުރިން ސިފައިން ގެއިން ވަކި ކޮށްފައިތިބި މީހުނާއި ފުލުސް އޮފީހުން ވަކި ކޮށްފައި ތިބި މީހުންނާއި މި އެންމެން ވަދެ އެތަން ހިސޯރުކޮށް އެ ނޫން ސިފައިން އެތަނަށްވަދެ ރައީސް އޮފީހުގެ ޕްރޮޓޮކޯލްތައް މުގުރާލާ މި ހުރިހާ ކަމެއް ކުރެވިގެންދިޔައީ މީޑިޔާގެ ކުރިމަތީގައި. އެހެންވީމަ މަޖުބޫރުވެފައި އޮތް މިންވަރު ތި ބޭފުޅުނަށް އެނގިވަޑަގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ "ޑިމޮކުރަސީގެ ބައްޕަ" ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ހުންނެވީ މިރާއްޖޭގެ ޖަލުތަކުގައި އެތައް އަނިޔާއެއް ދީފައިވާ މީހުންގެ "އަތުގައި ހިއްޕަވައިގެން" ކަމަށްވެސް އިންތި ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ އިތުރުން ކޯޓުތަކުގެ ނިންމުން ތަކަށް އެމްޑީޕީން ކިޔާ ފާޑު ވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފަ އެވެ.