ކިންގް ސަލްމާން މިސްކިތް ހުޅުވަން ވަޑައިގަންނަވާނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންކަމަށް ސައުދީގެ ނޫސްތަކުން ކޮށްފައިވާ ރިޕޯޓް ފޮރިން މިނިސްޓްރީން ދޮގު ކޮށްފިއެވެ.

ސައުދީގެ ބައެއް ނޫސްތަކުގައި މިގޮތަށް ރިޕޯޓް ކޮށްފައިވަނީ ރާއްޖެއިން ސައުދީއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހަލީލާ ހަވާލާދީއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ސައުދީގެ ނޫހަކަށް ސަފީރު އިންޓަވިއު ދެއްވައިފައި ނުވާ ކަމަށެވެ.

"ކިންގް ސަލްމާން މިސްކިތް ހުޅުވަން ވަޑައިގަންނަވަނީ ސައުދީގެ ވަލީއަހުދު ކަމަށް އަރަބި ނޫސްތަކަށް މުހައްމަދު ހަލީލު ވިދާޅުވެފައެއް ނުވޭ،" މިއުވާން ވިދާޅުވިއެވެ.

ސަލްމާން މިސްކިތް ހުޅުއްވައިދެއްވަން ސައުދީގެ ވަލީ އަހުދު ރާއްޖެ ވަޑައިނުގަންވާނެ ކަމަށް ވެސް މިއުވާން ވިދާޅުވެފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ.

ސަލްމާން މިސްކިތް ނިމިދިޔަ ރޯދަ މަހަށް ހުޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރޯދަމަހަށް މިސްކިތް ނުހުޅުވުނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަަޝްވަރާކުރުމަށް ސައުދީގެ ވަފުދެއް މިދިޔަ މަހުގެ 29ވަނަ ދުވަހު ވަނީ ރާއްޖެއަށް ވަަޑައިގެންފައެވެ.

އެ މަޝްވަރާތަކަށްފަހު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ކިންގް ސަލްމާން މިސްކިތް ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީގެ ވަފްދެއް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެ މިސްކިތް ހުޅުވާނެ ވަކި ތާރީހެއް މިނިސްޓްރީން އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.