ފުވައްމުލަކުގައި ޤާއިމްކުރި އައުޓްޕޭޝަންޓް ރީހެބިލިޓޭޝަން ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ.

އެ މަރްކަޒުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތީގެ އަސަރު ކޮށްފައިވާ ކުދިންނަށް އެހީތެރިވެދިނުމަށް އެފަދަ މަރުކަޒެއް ފުވައްމުލަކުގައި ސަރުކާރުން ގާއިމު ކުރުމުގެ މާކުރިން، ފުވައްމުލަކުގައި މިކަމުގެ އެހީތެރިކަމަށް ބޭނުންވާ ކުދިން އަމިއްލައަށް އިސްނަގައިގެން، (އޯޕަން ހޭންޑްސް) ގެ ނަމުގައި އަމިއްލަ ޖަމާޢަތެއް އުފައްދައިގެން، މަސައްކަތް ފަށާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އެ ޖަމާޢަތުން ކުރާ މަސައްކަތް، ސަރުކާރުން ވަރަށް އިޚްލާޞްތެރިކަމާއެކު ބަލައިގަންނަ ކަމަށާއި އެ ގޮތަށް ކުރެވޭ މަސައްކަތްތަކަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށެވެ. އަދި މިއަދު އެގްރީމަންޓް ކުރެވުނު ފަދައިން، އެހީއަށް ބޭނުންވާ ކުދިން، އޯޕަން ހޭންޑްސްގެ ފަރާތުން މި މަރްކަޒަށް ގެނެސް، އެކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދެމުން ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް، އެކަމުގެ މަސްތުން ސަލާމަތްވެ، ޢާންމު ދިރިއުޅުމަށް، މުޖްތަމަޢުގެ ތެރެއަށް ނުކުމެ އުޅެވޭނެ މަގު، މުސްތަޤްބަލުގައި ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދު ހުޅުވުނު އެސެންޓަރުގައި ޑޮކްޓަރަކާއި ދެނަރުހަކު މަސައްކަތްކުރައްވާނެ އެވެ. އެތަނުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޑިޓޮކްޓަސް ހިދުމަތާއި،ކައުންސެލިންގ އާއި،ފެމެލީ ކައުންސިލިންނާއި، ގްރޫޕް ޝެޝަން ތަށް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓެ މިނިސްޓަރ ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ ފުވައްމުލަކުގައި ގާއިމްކުރެވުނު ސެންޓަރަކީ މިހާރުގެ ރައީސުލްޖުމުހުރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުނު ފުރިހަމަ މަސައްކަތްތަކެއްކަމަށާއި ، އެފަދަ ސެންޓަރެއް ގާއިމްކުރުމަށް ބޭރުގެ ޖަމިއްޔާތަށްކަމަށްވާ އީޔޫއާއި ޔޫއެން އޯޑީސީގެ ވަރަށްބޮޑު އެހީތެރިކަން ލިބިފައިވާކަމަށެވެ.