24 Sep 2021, 09:41
ކޮވިޑް-19 ޖެހިގެން 45 އަހަރުގެ މީހަކު މަރުވެއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން 45 އަހަރުގެ އަންހެނަކު މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައިއެވެ. އެ މީހާ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 230އަށް އަރާފައިއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހުގައިއެވެ. އެއީ 87 އަހަރުގެ ފިރިހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހަކާއި އަތޮޅުތަކުން ބަލި ޖެހުނު 53 މީހަކާއި ރިޒޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހަކު ހިމެނެއެވެ.
އެއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،103 އަށް އަރާފައެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,653 މީހަކަށް ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެނީ 18 މީހަކަށް ކަމަށް ރޭ އެޗްޕީއޭއިން ބުންޏެވެ.