މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި، 77,831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއު ތެރޭގައި ހިމެނޭ ކަމަށް އެ ކުންފިން ބުންޏެވެ.

ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، އެމްޓީސީސީއާ އެ މަޝްރޫއު ހަވާލު ކުރީ އޮގަސްޓު 27، 2019ގައިއެވެ.