އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ހދ. ކުޅުދުއްފުށީގައި މިއަދު ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި، އެ ރަށުގެ އޮންލައިން ނޫހެއް ކަމަށްވާ ކުޅުދުށްފުށި އޮންލައިންގެ ނޫސްވެރިއަކު ބުނީ ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ރަށަށް ވަޑައިގަންނަވާތީ، އެމަނިކުފާނު އެރަށަށް ފައިބާ ވަޑައިގެންނެވިޔަ ނުދިނުމަށް ނުކުތް ޕީޕީއެމްގެ މެމްބަރުންތަކަކާއި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނާ ދެމެދުގައި ކަމަށެވެ.

"ކުރީގެ ރައީސް ނަޝީދު ވަޑައިގަންނަވާ ހަބަރު ލިބިގެން މަކުނުދޫން އައިސް އޮތް ބޯޓެއް އޭރު ބަނދަރުގައި. އެބޯޓަށް އެމީހުން ގާއުކި، އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބުދުލް ޣަފޫރު މޫސާ ވަޑައިގަތް ބޯޓަށް ވެސް ގާއުކި. ހަމަނުޖެހުންތައް ފެށުނީ އެހިސާބުން،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ހަމަނުޖެހުންތައް ހިނގީ ކުރީގެ ރައީސް ނަޝީދު އެރަށަށް ވަޑައިގެންނެވުމުގެ ކުޑައިރުކޮޅެއް ކުރިން ކަމަށާއި އެމަނިކުފާނު ވަޑައިގެންނެވި އިރު ފުލުހުން އޮތީ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ކުޅުދުއްފުއްޓަށް އަރާވަޑައިގަތަ ނުދިނުމަށް އެރަށުން ނުކުތް ބަޔަކާއި އެމަނިކުފާނުގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ނަޝީދަށް ހިމާޔަތް ދިނުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވި ކަމަށާއި އެކަމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

"ކުރީގެ ރައީސް ނަޝީދު އެ ރަށަށް އެރާވަޑައިގަތަ ނުދިނުމަށް ބަޔަކު މަސައްކަތް ކުރި. އަދި އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް ނުކުތް. އެކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ގާ އުކުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަނިޔާ ވެފައި. އަދި އެމަނިކުފާނު ހިމާޔަތް ކުރަން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެސް ވި." ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރައީސް ނަޝީދު މިހާރު ހުންނެވީ ރައްކާތެރި ސަރަހައްދެއްގައި ކަމަށެވެ.

ކުޅުދުއްފުށީން ވާހަކަ ދެއްކި ޕީޕީއެމްގެ މީހަކު ބުނީ ނަޝީދު ކުޅުދުއްފުއްޓަށް އެރުމަށް އެ މީހުން ދެކޮޅު ހެދީ ނަޝީދު އަރާވަޑައިގަންނަވާ ކޮންމެ ރަށެއްގައި ހަމަނުޖެހުން ހިނގާތީ އެ ކަން ވުމަށް ބޭނުން ނުވާތީ ކަމަށެވެ.