23 Sep 2021, 21:34
ދުނިޔެ ބަލައިގަންނަފަދަ ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތައާރަފްކޮށްފިއެވެ.
އެ އޭޖެންސީގެ ޑިޖިޓަލް ކޮވިޑް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައިވަނީ މިއަދެވެ. މި ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފައިވަނީ "ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު"ގެ ނަމުގައެވެ.
ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ޕާސްޕޯޓެއްކަމަށް އެޗްޕީއޭއީން ބުންޏެވެ.
މި ޕާސްޕޯޓު ދޫކުރާނީhttps://covidsafe.gov.mv/ވެބްސައިޓުންނެވެ.

އެޗްޕީއޭގެ "ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު"-- ސަން ފޮޓޯ
މި ވެކްސިން ޕާސްޕޯޓުން އެ މީހަކު ވެކްސިން ފުރިހަަމަކޮށްފައިވާކަން އެނގިގެންދާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ވެކްސިންގެ މައުލޫމާތު ވެސް ފެންނަން ހުންނާނެއެވެ. މީގެ އިތުުރުން ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހައިފައިވާނަމަ އެ މައުލޫމާތު ވެސް ޕާސްޕޯޓުގައި ހިމެނެފައި ހުންނާނެއެެވެ.
ވެެކްސިން ޕާސްޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެހެން ގައުމުތަކުން ލިޔުން ދޫކުރި ފަރާތާއި ސޮއިކޮށްފައިވާ ފަރާތް ވެރިފައިކުރާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ބޭނުންކުރެވޭނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އިތުރުން އާންމު ތަންތަނުގައި އުޅޭއިރު ވެކްސިން ފުރިހަމަކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައެވެ.
އެއާއެކު މި ޕާސްޕޯޓުގެ ސަބަބުން ބޭރު ގައުމުތަކަށް އެތެރެވެ އެ ގައުމުތަކުން ހިދުމަތް ހޯދުމަށް ވެސް ފަސޭހަވެގެންދާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ޑިޖިޓަލް ޕާސްޕޯޓަކީ ވެކްސިން ފުރިހަަމަކުރާ ފަރާތްތަކަށް ދޫކުރާ އެއްޗެކެވެ.
ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ނެރޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.
ދުނިޔެ ބަލައިގަންނަފަދަ ވެކްސިން ޕާސްޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވަނީ ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑުން، ކާޑު ދޫކުރި ގައުމު އެނގެން ނެތުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާތަކެއް އާންމުވުމާއެކުއެވެ.
އެގޮތުން ކާޑު ދޫކުރި ގައުމު އެނގެން ނެތުމުން ކާޑުގެ ސައްހަކަމާމެދު ގައުމުތަކުން ސުވާލު އުފައްދާކަމަށް މިކަން ތަޖުރިބާކޮށްފައިވާ ބައެއް ދިވެހިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން ވެކްސިން ޖެހުމުން ލިބިގެންދާ ލުއިތައް ނުލިބި، އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕީސީއާރު ޓެސްޓު ތަކުރާރުކޮށް ހަދަން މަޖުބޫރުވާކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.