27 Feb 2012, 19:02
ސާކް ސަމިޓާ ދިމާކޮށް، ސަމިޓް ލައިވްކުރުމަށާއި ސަމިޓްގެ އެކިއެކި ކަންކަމަށް އެމްއެންބީސީން ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ގިނަ އަދަދެއްގެ ސާމާނުތަކަކަށް ވީނުވީއެއް ނޭނގިފައިވާ ކަމަށާއި އެކަމާ ބެހޭ ލިޔެކިޔުމެއް ވެސް ފެންނަން ނެތް ކަމަށް އެމްއެންބީސީގެ އާ ބޯޑުން ބުނެފި އެވެ.
އެމްއެންބީސީގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފާއީޒު މިއަދު ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް ގިނަ އަދަދެއްގެ ސާމާނުތަކެއް އެމްއެންބީސީ އަށް ގެނެއި ކަމުގެ މައުލޫމާތު ޓީވީއެމްގައި މަސައްކަތްކުރާ ޓެކްނިކަލް ސްޓާފުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްޗެއް ގެނެސްފައިވާ ކަމުގެ މައުލޫމާތެއް ރަސްމީކޮށް، އަދި އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފަދަ ސާމާނުތަކެއް ގެނައި ކަމުގެ އަޑުތަކެއް މިއިވެނީ ހަމައެކަނި. އެއެއްޗެއްސެއް ޓީވީ މޯލްޑިވްސްގައި ނުވަތަ ދިވެހިރާއްޖޭގެ އަޑުގައި ވެސް ނެތް. ބައެއް މީހުން ބުނޭ އައްޑޫއަށް ބައެއް އެއްޗެހި ދޫކޮށްލާފައޭ އައި. އެހެންނަމަވެސް އެކަމުގެ ހަގީގަތެއް އަދި ނޭނގޭ. މިފަދަ ދަނޑިވަޅެއްގައި އެފަދަ ވާހަކައެއް ދެއްކުމަކީ އެކަށީގެންވާ ކަމެއް،" ފާއިޒު ވިދާޅުވި އެވެ.
ސާކް ސަމިޓާ ދިމާކޮށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން އެމްއެންބީސީ އަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައިވެ އެވެ.
ފާއިޒު ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެމްއެންބީސީގައި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ހިންގާފައި ހުރި ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ޑޮލަރު ގަތުމަށް ބައެއް ފަރާތްތަކަށް ޗެކް ދޫކޮށްފައިވާ އިރު އޭގެތެރެއިން ފަރާތަކަށް ދޫކުރި ފައިސާގެ ޗެކެއް ބައުންސްވެފައިވާ މައްސަލައެއް ކުރިމަތިވެގެން އެމައްސަލަ ފުލުހުންނަށް ށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންބީސީގެ ބޯޑާ އަލަށް ހަވާލުވެވި، ބޯޑުން ވަނީ އެތަނުގެ ތެރޭގައި ބައެއް ކަހަލަ ފައިސާގެ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އޮޑިޓެއް ކުރުމަށް ނިންމާފަ އެވެ.
ފާއިޒު ވިދާޅުވީ ކުރީގެ ސަރުކާރުގައި ޓީވީން ސަރުކާރުގެ އެކިއެކި ސިޔާސީ ހަރަކާތްތައް ބްރޯޑްކާސްޓްކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ވަރާ އެއްވަރަށް ބިލް ކުރެވިފައި ވެސް ނުވާ ކަމަށެވެ.
"ވަރަށް ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގަތުމަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއް އެބައުޅޭ. އެމައްސަލަ ވާނީ ފުލުހުންނަށް ހުށަހަޅާފައި. އެހެންނިހެން ކުދިކުދި މައްސަލަތަކެއް ވެސް އެބައުޅޭ. ކުރީގެ ސަރުކާރު އޮތް އިރު އެކިއެކި ޕްރޮގްރާމްތަކާ އިވެންޓްތައް އެމްއެންބީސީ ވަން އިން ލައިވްކޮށް. ކަންތައް ކުރިތަން އެބަފެނޭ. ނަމަވެސް އެއާ އެއްވަރަށް ލިޔެކިޔުންތަކެއް އަދި ފައިސާގެ މުއާމަލާތްތަކެއް ފެންނާކަށް ނެތް،" ފާއިޒު ވިދާޅުވި އެވެ.
އެމްއެންބީސީ އަކީ ކުރީގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެސަރުކާރުން ވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގެ ނަން ރީ ބްރޭންޑްކޮށް، އެމްއެންބީސީ ވަން އަދި ރާއްޖެރޭޑިއޯގެ ނަމަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ދުވަހުގެ ހިނގައި ދިޔަ ކަންތައްތަކުގެ ތެރޭގައި އެ ދެ ސްޓޭޝަންގެ ނަން ވަނީ ކުރީގެ ނަމަށް ބަދަލުކޮށްފަ އެވެ.