23 Sep 2021, 14:00
ދިވެހި ފުޓުބޯޅައިގެ ލެޖެންޑް ޝާހް އިސްމާއީލް (ސާޔާ) އަށް ދިވެހި ޕްރިމިއާ ލީގު އައު ފޯމެޓަށް ބަދަލުކޮށްގެން ފެށުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު ޒިންމާ ހަވާލުކޮށްފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގެ ލެޖެންޑް ޝާހް އިސްމާއިލަށް ހަވާލުކުރި ޒިންމާއަކީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމަށް އެފްއޭއެމުން ކުރާ މަސައްކަތް ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގު 2023-2024 އިން ފެށިގެން ކުރިއަށް ދާނީ ޖުމުލަ 12 ޓީމާ އެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ. ދިވެހި ޕްރިމިއާ ލީގު ފުރަތަމަ އަހަރު ފަށާނީ މިހާރު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމާ އެކުއެވެ. އެފްއޭއެމުން ވަނީ އެ އަހަރުގެ ލީގުގެ ބާކީ ހަތަރު ޖާގަ އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެ ގޮތް އާންމު ކޮށްފައެވެ. އެގޮތުން މުޅި ރާއްޖެ ބަހާލަނީ ހަތަރު ޑިވިޝަނަށެވެ.
ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގައި ޒޯންތައް ބެހިފައިވާ ގޮތް
ޒޯން 1: ހއ, ހދ, ށ، ނ، ރ
ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ
ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ
ޒޯން 4: ގްރޭޓާ މާލެ އޭރިއާ
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ޝާހުއާ ހަވާލުކުރި މަގާމަކީ އައު ޕްރިމިއާ ލީގުގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރުގެ މަގާމު ކަމަށެވެ.
ކްލަބު ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރު ފެށި ޝާހު، އެންމެ ގިނަ ދުވަސްވަންދެން ކުޅުއްވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. ނިއުއަށްފަހު، ޝާހު ވިކްޓަރީއަށް ވެސް ކުޅުއްވިއެވެ. ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ. ސާފް ޗެމްޕިއަންޝިޕް 2003ގެ ފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، ޓީމުގެ ކެޕްޓަންކަން އަދާކުރެއްވީ ޝާހުއެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯއްދަވާފައިވާ ޝާހު ވަނީ ފަހުން ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ދާއިރާގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ.
އެގޮތުން ޝާހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވުމުގެ އިތުރުން މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް ފެނިގެންދިޔައެވެ. ފަހުން މިދިޔަ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ޝާހު އަދާކުރެއްވިއެވެ.