ނ. މިލަދޫގައި ވިހައެއް ބޮވިގެން ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ. މަރުވީ މިލަދޫ ހީނާމާގޭ އުމުރުން 10 އަހަރުގެ މޫސާ މާހިލް އެވެ. މީގެ ދެ އަހަރު ކުރިން ވެސް ވަނީ ހީނާމާގެ ކުޑަ ފިރިހެންކުއްޖަކު މޫދަށް ވެއްޓި މަރުވެފަ އެވެ.

ފުލުހުން ބުނީ މިލަދޫގައި މިއަދު މަރުވި ކުއްޖާ މަރުވެފައިވަނީ ވިހަ އެއްޗެއް ބުއިމުގެ ސަބަބުން ހާލުދެރަވެގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުންކަމަށާއި މިހާތަނަށް ބެލި ބެލުމުން މިއަދު ހަވީރު އެކުއްޖާ އާއި އެއް ޢުރުފުރާގެ ކުދިންތަކަކާއެކު ކުޅެން އުޅެނިކޮށް ކާއެއްޗަކާއެކު ދިޔާ އެއްޗެއް އެކުއްޖާ ވަނީ ބޮއިފައިވާކަން އެނގޭ ކަމަށެވެ. އަދި އެކުއްޖާ ބޮއިފައިވަނީ ތިނަރުކަން މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.

މަރުވި އެކުއްޖާއަށް ފަރުވާދިން މަނަދޫ ހޮސްޕިޓަލުން ބުނީ މާހިލް ބޮއެފައި ހުރީ ތިނަރު ކަމަށެވެ.

މިލަދޫން ވާހަކަ ދެއްކި މީހަކު ބުނީ މާހިލް އަށް ތިނަދު ބޮވުނީ އެ ކުއްޖާއާއެކު މިއަދު ހަވީރު ކުޅެންތިބި ދެ ތިން ކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި ފެނުނު ކުޑަ ފުޅިއެއްގައި ހުރި ދިޔާ އެއްޗެއް ޖޫގޯ ހުސްކުރި ތަށްޓަކަށް އަޅައި މިއީ ޖޫގޯ އޭ ބުނުމުން މާހިލް ބޯލީ ކަމަށެވެ. ނަމަވެސް އެ ކުދިން މާހިލް އަށް އެ ދިނީ ގަސްތުގައި ތިނަރުކަން އެނގިގެން ނޫން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

މިމައްސަލަ ހިނގާފައިވާގޮތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ގެންދަނީ އިތުރަށް ބަލަމުންނެވެ.