23 Sep 2021, 12:55
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން، އޭނާއަށް ހަމަލާ ދިނުމުގައި ބައިވެރިވީ އެ ރަށުގެ ޒުވާނުންތަކެކެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ ރޭ ޖާބިރު ފުލުހުންގެ ހިމާޔަތަށް ގެންދިޔައެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މީގެ ކުރިން މަތިވެރި ކައުންސިލްގެ ރަައީސް އަހުމަދު އަސްލަމް "ސަން"އަށް ވިދާޅުވީ ޖާބިރަށް އެއްވެސް މިންވަރަކަށް އަނިޔާއެއް ދީފައިނުވާކަމަަށެވެ. އަދި އެ ފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ޖާބިރު ވިދާޅުވީ، ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށެވެ.
މީގެ އިތުރުން މިވަގުތު އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިޔުމަކީ ރަނގަޅެއް ކަމެއް ނޫން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.