ަވްޙާ (ފެބްރުއަރީ 27) : އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރަށެއް ކަމަށްވާ އަލްޤުދްސުޔަހުދީ ކުރުމަށް އިސްރާއީލުން ހިންގާ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން އެރަށުގެ ޢަރަބި އަދި އިސްލާމީ ވަންތަކަން ގެއްލެމުންދާ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ޤަތަރުގެ އަމީރު ޙަމަދް ބިން ޚަލީފާ ގޮވާލައްވައިފި އެވެ.

އިސްރާއީލުންގެ އިސްތިއްމާރީ ވަކިތަކުން ޤުދްސު ސަލާމަތް ކުރުމާބެހޭގޮތުން ދަވްޙާގައި މިއަދު ފެށި ބައިނަލްއަޤްވާމީ ސިންޕޯޒިޔަމެއްގައި ވާހަކަ ދައްކަވަމުން ޤަތަރުގެ އަމީރު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލެއްވީ 1967 ގައި އިސްރާއީލުން އިރުމަތީ ޤުދްސު ހިފުމަށްފަހު އެރަށުގެ ޢަރަބި އަދި އިސްލާމީ ވަންތަކަން ނައްތާލައި އެރަށް މުޅިން ޔަހޫދީ ރަށަކަށް ހެދުމަށް ރާވައިގެން އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމަށެވެ.

އިސްރާއީލުން ޤުދްސު ޔަހޫދީ ކުރަނީ އެރަށުގައި ހުރި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާވެސް ނައްތާލުމުގެ ރޭވުމެއްގެ ދަށުން ކަމަށާ މިއީ ވަރަށް ޚުތޫރަތްތެރި ރޭވުމެއް ކަމަށް ޤަތަރުގެ އަމީރު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޔަހޫދީ ރަށަކަށް ހެދުމަށް އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ބަލައި ތަޙްޤީޤް ކުރުމަށް އދ. ން ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށްއެދި ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހެޅުމަށްވެސް ޤަތަރުގެ އަމީރު ޢައްޝައިޚް ޙަމަދް ގޮވާލެއްވި އެވެ.

ޤަތަރުގެ އަމީރުގެ ގޮވާލުމަށް އިޖާބަދެއްވައި މިމައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ރަސްމީގޮތުން ހުށަހެޅުމަށް ތާއީދު ކުރައްވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް ވިދާޅުވި އެވެ.

ޤުދްސް ޔަހޫދީ ރަށަކަށް ހެދުމަށް އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ ޢަމަލުތަކުގެ ތެރޭގައި އެރަށުގެ އިރުމަތީ ފަޅީގައި ޔަހޫދީން ވަޒަންވެރިކުރުވުމާއި އެކި ބަހަނާތައް ބޭނުންކޮށްގެން މިސްކިތްތައް ތެޅުމާއި ފަލަސްތީނުގެ ގެތައް ތަޅައި ބިމާހަމަކުރުމާއި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ބިނާ ވައްޓާލުމަށްޓަކައި އެތަނުގެ ދަށުން ކޮނުންފަދަ ޣައިރު ޤާނޫނީ އެތައް ޢަމަލެއް ހިމެނެ އެވެ. (އަލްޖަޒީރާ)