15 Jul 2010, 15:42
20:30
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންގެ ނުރުހުމުގައި އޭނާގެ ހިމާޔަތަށް ކަމަށް ބުނެ ސިފައިން އޭނާ ގެންގޮސްފައި ވާތީ އެއީ، ޣައިރު ގާނޫނީ ބަންދެއް ކަމަށް ކަނޑައަޅައިދެއްވައި ޔާމީން ވަގުތުން ދޫކޮށްލުމަށް އަމުރު ނެރެދެއްވުމަށް ޔާމީނުގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ޖަވާބުދާރީވުމަށް ސިފައިން ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން ޝަރީއަތް ކެންސަލްކޮށްފި އެވެ.
ދެ ގަޑިއިރުގެ ތެރޭގައި ޔާމީން ޖިނާއީ ކޯޓަށް ޔާމީން ހާޒިކޮށްދިނުމަށް މިއަދު މެންދުރު ޖިނާއީ ކޯޓުން އަމުރު ނެރުނު ނަމަވެސް، ޤައުމީ ސަލާމަތަކަށްޓަކައި ޔާމީން ހާޒިރުކޮށްދެއްވެން ނެތް ކަމަށް އެމްއެމްއެންޑީއެފުން ބުނުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއެއްގައި ޔާމީންގެ ޤާނޫނީ ވަކީލާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ ސިފައިން ޔާމީން ހައްޔަރުކޮށްގެން ގެންގުޅެނީ ޤާނޫނާ ހިލާފަށް ކަމަށެވެ. އަދި ކޯޓުން އަމުރު ނެރުމުން ޔާމީނު ހާޒިކޮށްދޭންޖެހޭނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި މިރޭ 7:30 ގައި ޔާމީންގެ ޣައިރު ހާޒިރުގައި ޖިނާއީ ކޯޓުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޝަރީއަތަކަށް ޖަވާބުދާރީވާން ސިފައިން ހާޒިރުނުވުމުގެ ސަބަބުން ޖިނާއީ ކޯޓުން ޝަރީއަތް ކެންސަލްކުރެއްވީ ކަމަށާއި ނަމަވެސް ދެން އެ މައްސަލާގެ ޝަރީޢަތް އޮންނާނެ ދުވަހެއް ކޯޓުން އަންގާފައި ނުވާ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.