23 Sep 2021, 08:14
ތިމާވެއްޓާއި ބައޯޑައިވާސިޓީއަށް މިއަދު ކުރިމަތިވަމުން އަންނަ ގެއްލުންތަކުން ވެށި ހިމާޔަތް ނުކޮށްފިނަމަ އިންސާނިިއްޔަތު ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިން ޓްރާންސްފޮމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްއިން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގުދުރަތީ ތިމާވެށީގެ ހިމާޔަތް ކަށަވަރު ނުކޮށް ހާސިލު ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ އެއްވެސް އަމާޒެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދުނިޔެއަކީ އަބަދުވެސް ބަދަލުވަމުން އަންނަ ތަނެއް ކަމަށާއި ނަމަވެސް ދުނިޔެއަށް ބަރޯސާވުމަކީ ނުހުއްޓޭނެ ކަމެއް ކަމަށެވެ. އަދި އެއީ މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ޖެހޭ މުހިންމު ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ދުނިޔެ ހޫނުވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިންސާނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ވެށީގެ މައްސަލަތައް ހައްލުކޮށް، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައްް ކުޑަ ކުރަން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
ޓްރާންސްފޮމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްއަކީ މޫދަށް އަޅާ ކުނި މަދު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެ ގޮތުގެ އިތުރުން ދުނިޔޭގެ ދިރުންތައް އާލާކޮށް ދެމެހެއްޓުމުގައި ބޭނުންކުރެވިދާނެ އުސޫލުތައް ހޯދާ ބަލާ ހަރަކާތެކެވެ. އަދި ގައުމުތަކުގެ ވެރިންނާއި މި ދާއިރާގައި ޝާމިލުވާ އެކިއެކި ފަރާތްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.