ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދާ ބަރުލަމާނީ ޕެޓިޝަންގެ މަސައްކަތްކުރަމުން އަންނަ ޓީމުން މި ނިޒާމަށް ޕާޓީތަކުގެ ތާއީދު ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ފަށައިފިއެވެ.

ބަރުލަމާނީ ޕެޓިޝަނުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލް ނިޝާން އިބްރާހިމް "ސަން"އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ފަށާފައިވަނީ އިއްޔެކަމަށެވެ.

އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ރަސްމީކޮށް މަޝްވަރާގެ ދައުވަތު ފޮނުވާފައިވާކަމަށް ނިޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ރާއްޖޭގެ ހުރިހާ ޕާޓީތަކަށް މަޝްވަރާގެ ދައުވަތު ފޮނުވާފައި. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހުރިހާ ޕާޓީތަކާ މަޝްވަރާކުރާނަން،" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ޕާޓީތަކާއެކު މަޝްވަރާކުރަން ނިންމީ އެއީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތަކީ ގައުމީ މަސައްކަތަކަށް ވާތީ ކަމަށެވެ. އެގޮތުން އިއްޔެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާއެކު މަޝްވަރާކޮށްފައިވާކަމަށް ނިޝާން ވިދާޅުވިއެވެ.

"ގައުމުގެ މަސްލަހަތާ ގުޅޭ ކަމެއް. ގައުމުގެ ގާނޫނީ ނިޒާމު ބަދަލުކުރުމަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމެއް. މިއީ އެންމެ ރައްޔިތުންނަށް އޭގެ ސަބަބުން އަސަރު ކުރާ ކަމެއް. އެހެންވީމާ އެހެން ކަންކަން ކުރާއިރު ރާއްޖޭގައި ހެދިފައިހުރި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް އެ މައުލޫމާތު ދިނުން މުހިންމު،" ނިޝާން ވިދާޅުވިއެެވެ.

ނިޝާން އިތުރަށް ވިދާޅުވީ ބަރުލަމާނީ ޕެޓިޝަަނަށް އެއް ލައްކަ ސޮއި ހަމަވާން ވަރަށް ކައިރިވެފައިވާކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ޕެޓިޝަނަށް ސޮއި އިތުރުކުރުމަށްޓަކައި ހުޅުމާލޭގައި ޑޯޓުޑޯ ކެމްޕެއިން ކުރަމުން އަންނަކަމަށް ނިޝާން ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ ޕެޓިޝަނަށް ސޮއި ހަމަ ކުރުމަށްފަހު ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން އަރުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް މި ޕެޓިޝަނުގެ ކޮޕީއެއް ހުށަހަޅާނެކަމަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އަންނަނީ އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަމުގައި ބައިވެރިވަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އެ ފަހަރު ރައްޔިތުންގެ ތެރެއިން 92 ޕަސެންޓް މީހުން ވޯޓު ދިނީ ރިޔާސީ ނިޒާމަށެވެ.