ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ހާއްސަކޮށް، ގޭތެރޭގެ ސާމާނުތައް އިންޝުއާ ކުރެވޭ ޕޮލިސީއެއް އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ތައާރަފުކޮށްފިއެވެ.

"އަހަރެންގެ ހިޔާ" ނަމުގައި މި ޕްރޮޑަކްޓް އިފްތިތާހު ކުރީ މިއަދު އެލައިޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއީ އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓުގެ ދަށުން ނެރެފައިވާ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓުން ކަވަރު ކޮށްދެނީ ގުދުރަތީ ކާރިސާއަކާ ގުޅިގެން ފްލެޓަށް ލިބޭ ގެއްލުންތަކަށް މާލީ ބަދަލު ދީގެންނެވެ.

މި ޕޮރްޑަކްޓު ވަނީ ތިން ޕެކޭޖެއްގެ މައްޗަށް ބަހާލެވިފައެވެ.

ބޭސިކް

އަގު: އަހަރަކު 200 ރުފިޔާ
ކަވާ ކުރެވޭ ލިމިޓު: 150،000 ރުފިޔާއާ ހަމައަށް

އެކްސެލް

އަގު: އަހަރަކު 300 ރުފިޔާ
ކަވާ ކުރެވޭ ލިމިޓު: 250،000 ރުފިޔާއާ ހަމައަށް

ޕްރިމިއަމް

އަގު: އަހަރަކު 400 ރުފިޔާ
ކަވާ ކުރެވޭ ލިމިޓު: 350،000 ރުފިޔާއާ ހަމައަށް

އަޔާދީ ތަކާފުލްގެ މި ޕެކޭޖްގައި ވާ ގޮތުން ޑިޑަކްޓެބަލް އެމައުންޓެއްގެ ގޮތުގައި ކޮންމެ ކަސްޓަމަރެއްގެ އަތުން ނަގާނީ ފަސް އިންސައްތައެވެ އެއީ ފަސްސަތޭކަ ރުފިޔާއެވެ.

އެލައިޑު އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެ އަންނަ މާލީ ގެއްލުމަށް ރައްކާތެރިވުމެގެ ގޮތުން އަޅުގަނޑުމެން ނަގައި ކުޑަކުޑަ މިންވަރެއް ދީގެން ވަރަށް ބޮޑު ކަވާއެއް ނަގައި ކޮންސެޕްޓަކަށް ތަކާފުލް އިން މި މަސައްކަތް ކުރަނީ،" މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލައިޑު އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ ހިޔާ ފްލެޓު ލިބުން ހުރިހާ ފަރާތްތަކުން ވެސް މި ކަވާ ނެންގެވުންމަށް އެލައިޑުން އިލްތިމާސް ކުރައްވާކަމަށެވެ.

އަޔާދީގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޔާދީގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވިގޮތުގައި މިއީ ކަސްޓަމަރުންގެ ޖީބަށް ލުއި ޕޮލިސީއެކެވެ.