ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމާއެކު ރޭ، އޭނާއަށް އެ ރަށުގެ ބަޔަކު ހަމަަލާ ދިނެވެ. މިއީ އެ ރަށުގެ އެތައް ރައްޔިތެއްގެ މެދުގައި އޭނާއާ މެދު އުފެދިފައިވާ ރުޅިވެރިކަމާއި ނުރުހުމުގެ ހުޅު ފަޅައިގެން ދިޔަކަން ހާމަވި ކަމެކެވެ.

އެއާއެކު ދެން ފެންމަތިވީ އެ ރަށުގައި ޖާބިރު ހިންގާ ގެސްޓް ހައުސް "ކާސާ މިއާ މޯލްޑިވްސް"ގައި މަސައްކަތްކުރާ ރައްޔިތަކަށް ދޭންޖެހޭ ދެ އަހަރު ދުވަހުގެ މުސާރަ ނުދީ ހުރިކަމަށް މީހަކު ތުހުމަތުކުރިކަމުގެ ވާހަކަައެވެ. ވައިރަލްވި ވީޑިއޯއެއްގައި ފެނުނީ އެ ރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި އަންހެނަކު ރޮއެ އާދޭސް ކުރަމުންދިޔަ މަންޒަރެވެ.

"އެންމެ ދުވަހެއްގެ ކަމެއް ނޫން މިއީ. މިހާރު ދެ އަހަރު ދުވަސް މިވަނީ. ކޮންމެ ރެއަކު އަލީ މަސައްކަތް ނިންމުމަށްފަހު ގެއަށް އައިސްފައި ބުނާނެ އަޅުގަނޑު ކައިރީ ހާދަ ވަރުވެއޭ. ވަރަށް ވަރު ވެއްޖެއޭ. އަވިގަނޑު ތެރޭ ރޯދަ މަހު، ރޯދަ ހިފައިގެން ވެސް ކުނިކަހައި ފެން އުފުއްލާ މުޅި ތަން ސާފުކޮށް އުޅެފައި. މި ރަށު ރައްޔިތުންނަށް އެނގޭނެ ކައުންސިލަރުންނަށް އެނގޭނެ އެކަން،" ފައިސާ ލިބެންޖެހޭ މުހައްމަދު އަލީގެ އަނބިމީހާ މުހްސިނާ އިބްރާހިމް "ސަން"އަށް ބުންޏެވެ.

"އަޅުގަނޑުގެ ފިރިމީހާގެ ލާރި އެއީ. 80،000 ރުފިޔާ އެބަހުރި އަޅުގަނޑުގެ ފިރިމީހާއަށް ލިބެންޖެހޭ. އަޅުގަނޑު ރޭގައި ދިޔައީ ޖާބިރު ކައިރިއަށް، ދިޔައީމާ ފުލުހުން ކައިރިން ބުނީ އަޅުގަނޑާ ބައްދަލުކޮށްދޭށޭ. ބުނީމާ ބައްދަލެއް ނުކޮށްދިން. މިހާރު މިހެން އާދޭސްކޮށް ކިޔާތާ ފަސް ފަހަރު މިވަނީ،"

މުހްސިނާ ބުނިގޮތުގައި މި ފައިސާއަކީ އޭނާގެ ފިރިމީހާ ޖާބިރުގެ ގެސްޓު ހައުސްގައި ކުރި މަސައްކަތުގެ ފައިސާކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި ވެސް ކުރި އެއްވެސް މަސައްކަތަކަށް ފައިސާ ދީފައިނުވާކަމަށް މުހްސިނާ ބުންޏެވެ.

"އަޅުގަނޑު ވަރަށް ރޮއެ އާދޭސް ވެސް ކުރިން. ދެން ހިތަށް އެރީ އަޅުގަނޑަށް ފުރުސަތު ލިބުނީމާ އަޅުގަނޑު ދާނަމޭ. އެހެންވެ ދިޔައީ. އަޅުގަނޑު ބުނިން ޕޮލިސް ކައިރީ. ރީތިކޮށް، ބުނާއިރަށް ބުނެފި ޖާބިރު ބުނެފިއޭ ނުވެއްދޭނެއޭ، ދެން އަޅުގަނޑަށް ރޮވިއްޖެ. ދެން އަޅުގަނޑު ބޮލަށް ތަދުވެ ވަރުބަލިވެ އެކަހަލަ ގޮތަކަށް ދިޔައީ،" މުހްސިނާ ބުންޏެވެ.

މިއީ މުހުސިނާ އޭނާގެ ހާލަތު ކިތަންމެ ގޯސް ނަމަވެސް ހިތްވަރާއެކު ދެއްކި ވާހަކައެވެ. މުހުސިނާއަކީ ލޯފަން މީހެކެެވެ. މުހުސިނާ ބުނިގޮތުގައި އޭނާއަކީ މިއަދު އޭނާ ބަލަހައްޓާނެ އެއްވެސް އާއިލީ މީހެއް ދުނިޔޭގައި ހުރި މީހެއް ނޫންކަމަށެވެ. އަދި މިއަދު އޭނާގެ ހުރިހާ ކަމެއް ވެސް ބަލަހައްޓައިދެނީ އޭނާގެ ފިރިމީހާ މުހައްމަދު އަލީކަމަށެވެ.

"އަޅުގަނޑުގެ މަންމައެއް ވެސް ނެތް. ބައްޕައެއް ވެސް ނެތް. ފިރިމީހާ ހުރީ ހަމަ ހުރިހާ އަޅާލުމެއް ވެސް އަޅާލާފައި. އެކަނި ދޫކޮށްލާފައި އޭނާ ދިޔައީ އަޅުގަނޑަށް ޓަކައި މަސައްކަތްކުރުމަށް،" މުހުސިނާ ބުންޏެވެ.

އޭނާ ބުނީ އެ ފައިސާއަކީ ކޮންމެހެން ވެސް ބޭނުންވާ ފައިސާކަމަށެވެ. އަދި އެ ފައިސާއާ ނުލާ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ އެ ދެމަފިރިންނަށް ގިނަ ދަތިތަކާ ކުރިމަތިވާނެކަމެއް ކަމަށެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ ގެސްޓް ހައުސް "ކާސާ މިއާ މޯލްޑިވްސް" --

"ޖާބިރުގެ ދަރިއަށް ވެސް އަޅުގަނޑު ވަރަށް ގުޅިން. ޖާބިރަށް ވެސް އަޅުގަނޑު ވަރަށް ގުޅިން. އަޅުގަނޑު ބުނިން ކުރި މަސައްކަތުގެ މުސާރަ ދޭށޭ. އެކަމަކު ނުދިން. މި ލިބޭނެ ގޮތެއް އަޅުގަނޑު ބޭނުން ހޯދަން،" މުހުސިނާ ބުންޏެވެ.

މުހުސިނާ ބުނީ އޭނާ މިއަދު ބޭނުންވަނީ އޭނާގެ ފިރިމީހާއަށް ހައްގުވާ ފައިސާ ހޯދުމަށްކަމަށެވެ. އަދި މި މަސައްކަތް ކުރުމުގައި އޭނާއަށް އެތައް ބައެއްގެ ފުރައްސާރަ ކުރިމަތިވިކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެއީ އޭނާގެ ހައްގެއްކަމަށާއި އެ ހައްގު ނުހޯދާ އޭނާ ހުއްޓާނުލާނެކަމަށް މުހުސިނާ ބުންޏެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ ގެސްޓް ހައުސް "ކާސާ މިއާ މޯލްޑިވްސް" --

ޖާބިރުގެ ރިޗް ކުލަބު ކުންފުނިން މަތިވެރީގައި އެ ރަށުގެ ކައުންސިލުން 21،000 އަކަފޫޓުގެ ބިމަކާއި 25،000 އަކަފޫޓުގެ ބިމެއްގައި ހަދާފައި ހުރި ގެސްޓްހައުސްއާ ހަވާލުވެފައިވަނީ 2017ވަނަ އަހަރެވެ. އެ ބިން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދުވަސްވަރު 50 އަހަރުގެ މުއްދަތަކަށެވެ.

ނަމަވެސް އެއީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި ކުރިކަމެއްކަމަށް މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ސަން"އަށް ވިދާޅުވިއެވެ.

"އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނަވައިގެން މަތިވެރީ ކައުންސިލްްގެ ބަހެއް ނެތި މަތިވެރީގެ ބިން ރިޗް ކުލަބާއެއްކޮށް އެގްރީމެންޓުކުރީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ޖާބިރު ކައުންސިލަށް ދައްކަންޖެހޭ 4.7މިލިއަަން ރުފިޔާ އެބައޮތެވެ. އަދި ކައުންސިލުން ގަރާރެއް ފާސްކޮށް ފައިސާ ދެއްކުމަށް ރިޗް ކުލަަބަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ލިބެންޖެހޭ ފައިސާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޖާބިރު އެ ރަށަށް އެރުމާއެކު ރައްޔިތުން ނުރުހުން ފާޅުކުރީ ރައްޔިތުންގެ ހައްގު ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ.