ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ލީގުގައި ކުރިއަށް އޮތް މެޗުން ނުފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ލީގުގައި އެންމެ ފަހުން ލިޔޯންއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ 75 ވަނަ މިނަޓުގައި މެސީ ވަނީ ބަދަލުކޮށްފައެވެ. ނަތީޖާ ހަމަހަމަ ވެފައި އޮތް ވަގުތަކަށް ވުމާއެކު އެ ދަނޑިވަޅުގައި މެސީ ބަދަލު ކުރީ އޭނާއާ ދޭތެތޭ ޒާތީ ކަމެއް އޮވެގެން ކަމަށް މެސީގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން ޕޮޗެޓީނޯ މެޗަށްފަހު ބުނީ މެސީ ބަދަލު ކުރުމުގައި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާއި، އެކަން ކުރީ އެއީ އެވަގުތު ޓީމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށްވާތީ ކަމަށެވެ. އަދި އެ މެޗުގައި މެސީގެ ކަކުލަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާކަން އޭނާ އޭރު ފާހަގަ ކުރި އިރު، ޕީއެސްޖީގެ މެޑިކަލް ޓީމުން ވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

އެހެން ކަމަށްވާނަމަ ލީގުގައި މިރޭ މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީ ނުކުޅޭނެއެވެ.

"މެސީގެ ވާއަތު ފަައިގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ޓެސްޓްތަކެއް ވަނީ ހަދައިފަ. އަދި 48 ފަހުން އިތުރު ޓެސްޓްތަކެއް ހަދައި ނަތީޖާ ލިބުމުން އަނިޔާގެ ސީރިއަސްކަން ދެނަގަނެވޭނީ،" ޕީއެސްޖީން އެ ކުލަބުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

މެސީ މިހާތަނަށް ޕީއެސްޖީއަށް ތިން މެޗެއް ކުޅެދީފައިވާ އިރު، އެއްވެސް ގޯލެއް އަދި އެސިސްޓެއްވެސް ނުހަދައެވެ.