ލިވަޕޫލުގެ މަޝްހޫރު ސްޓޭޑިއަމް "އެންފީލްޑް" އިތުރަށް ތަރައްގީކޮށް ޖާގަ ބޮޑުކުރަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ހަތްވަނައަށް އެންމެ ޖާގަ ބޮޑު އެންފީލްޑް ސްޓޭޑިއަމް ލިވަޕޫލްގެ އަތް މައްޗަށް ދިޔައީ 1892 ވަނަ އަހަރެވެ. އޭގެ ކުރިން އެ ސްޓޭޑިއަމް ބޭނުން ކުރަމުން ދިޔައީ ލިވަޕޫލްގެ ބޮޑު ރައިވަލް އެވަޓަންއިންނެވެ. އެ ސްޓޭޑިއަމުގައި މިހާރު 53،394 މީހުންނަށް އެއްފަހަރާ ތިބެވޭނެއެވެ.

މި ސްޓޭޑިއަމް އެންމެ ފަހުން މަރާމާތު ކުރީ 2014 އާއި 2016 އާ ދެމެދުއެވެ. އެ މުއްދަތުގައި އެންފީލްޑް ސްޓޭޑިއަމުގެ ބައެއް ސްޓޭންޑުތައް ބަދަލުކޮށްފައިވާ އިރު، ޖާގަ ވެސް ވަނީ ބޮޑުކޮށްފައެވެ.

އެއާ އެކު އަނެއްކާވެސް ސްޓޭޑިއަމްގެ ޖާގަ އިތުރަށް ބޮޑު ކުރުމަށް ލިވަޕޫލްގެ ސިޓީ ކައުންސިލުން ވަނީ ހުއްދަ ދީފައެވެ. މިފަހަރު ސްޓޭޑިއަމް ބޮޑު ކުރަން ހުއްދަ ލިބުނީ އިތުރު 7،000 މީހުންގެ ޖާގައެވެ. އެހެން ކަމުން މި މަރާމާތު ނިމޭ އިރު ސްޓޭޑިއަމުގެ ފުލް ކެޕޭސިޓީ 61،000 އަށް އަރާނެއެވެ.

ލިވަޕޫލުން ބުނީ ދަނޑުގެ މަރާމާތުތައް ކުރި ނަމަވެސް މެޗުތައް ކުޅެވޭނެ ގޮތަށް ހަމަޖައްސައި، ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ލިވަޕޫލުން މި ސްޓޭޑިއަމްގެ އައު މަރާމާތުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ތައްޔާރުވާއިރު، މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރަނީ 2023-2024 ވަނަ ސީޒަނުގެ ކުރިއަށެވެ.

މި ސްޓޭޑިއަމް ނިމުމާ އެކު އެތަނުގައި އަހަރެއްގެ މައްޗަށް ހަ ކޮންސާޓާއި، ބޮޑެތި ރަސްމިއްޔާތު ބޭއްވުމުގެ ހުއްދަ ލިވަޕޫލުގެ ސިޓީ ކައުންސިލުން ވަނީ ދީފައެވެ.