ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބުރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާދެއްވުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި ހިނގަމުން އައި ހަމަނުޖެހުންތައް ހައްލުކުރުމަށް އެއްވެފައިވާ މީހުން ގަޔަށް ބަޑިޖެހުމަށް ބަޑި ގުދަން ހުޅުވުމަށް ސިފައިން އެދުނު ކަމަށް ނަޝީދު ވިދާޅުވާ ވާހަކައަކީ ހަގީގަތާ ހިލާފަށް ދައްކަވާފައިވާ ވާހަކަފުޅެއް ކަމަށް ގައުމީ ދިފާއީ ބާރުން މިއަދު ބުނެފި އެވެ.

"ބަޑިގުދަން ހުޅުވުމަށް ސިފައިންގޭގައި ހަމަޖެހިފައި އޮންނަ ގަވާއިދު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ރަނގަޅަށް އެގިވަޑައިގެން ހުންނަވައި، ސިފައިންގެ ބަޑިގުދަނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅަކީ ވެސް ހަގީގަތާއި ޚިލާފު ދޮގު ވާހަކަފުޅުތަކެއް،" ސިފައިންނަށް އާންމުންގެ ގަޔަށް ބަޑިނުޖެހުނީ ބަޑި ގުދަން ހުޅުވުމަށް ހުއްދަނުދިނުމުން ކަމަށް ނަޝީދު ރޭ ވާހަކަދެއްކެވުމުން އެމްއެންޑީއެފުން މިއަދު އާންމުކުރި ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފްއިން އެ ބަޔާނުގައި ބުނަނީ ބަނޑިގުދަން ހުޅުވުމަށް ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ބަޑި ގުދަން ހުޅުވުމަށް ސިފައިންގެ ވެރިޔާ އަދި ޑިފެންސް މިނިސްޓަރުގެ ހުއްދައެއް ހޯދާކަށް ނުޖެހޭ ކަމަށާއި ބަޑިގުދަން ހުޅުވާ ލައްޕާ ކޮންމެ ފަހަރަކު ރައީސް އަށް ހުންނެވި ބޭފުޅެއްގެ އަރިހުގައި ދަންނަވަންޖެހޭނެ އުސޫލެއް ވެސް ގަވާއިދުގައި ނޯންނަ ކަމަށެވެ. އަދި ބުނަނީ އެދުވަހު ޖުމްހޫރީ މައިދާނުގައި ހަތިޔާރުގެ ބޭނުން ފަހަރެއްގައި ވެސް ހިފަންޖެހޭ ފަދަ ހާލަތެއް އެ ދުވަހު މެދުވެރިވެފައި ނެތް ކަމަށާއި ހަތިޔާރު ބޭނުން ކޮށްގެން އެކަންތައްތައް ހައްލުކުރުމަށް އެއްވެސް އިރެއްގައި ސިފައިން ގެއިން ވިސްނާފަ ވެސް ނުވާ ކަމަށެވެ.

"ސިފައިންގެ ގާނޫނުން ހެދިފައިވާ ސިފައިން ހަތިޔާރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ގަވާއިދު (ރޫލްސް އޮފް އެންގޭޖުމަންޓް) އޮންނަކަން ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ(އެވެ)،" އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ގައުމީ ދިފާއީ ބާރަކީ އެއިރެއްގައި އޮންނަ ގާނޫނީ ސަރުކާރެއް ހިމާޔަތްކޮށް އެއްބާރުލުން ދެމުން އަންނަ މުވައްސަސާއެއް ކަމަށާއި ސިފައިންގެ ގާނޫނުގެ ދަށުން މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި ދެމި އޮތް މުއައްސަސާއެއް ކަމަށެވެ.

އަދި ނަޝީދުގެ ވާހަކަފުޅުތަކަކީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބަށް ހުރަސްއެޅޭފަދަ ގޮތަކަށް އަދި ރައްޔިތުންގެ މެދުގައި، ސިފައިންނާއި މެދު ނަފްރަތުކަން އުފެއްދުމަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެއް ކަމަށާއި ކުރީގެ ކޮމާންޑާ އިންޗީފްގެ މަގާމު ފުރުއްވި ބޭފުޅެއްގެ ފުށުން ފެންނަމުންދާ އަމަލުތަކަކީ ވަރަށް ދަށުދަރަޖައިގެ ކަންތައްތަކެއް ކަމަށެވެ.

"އެއީ ސިޔާސީ ވަކި ފިކުރަކަށް ތަބާވާބައެއްގެ ރުހުން ހޯއްދެވުމަށް ދައްކަވަމުންގެންދަވާ ހަގީގަތާއި ހިލާފު ވާހަކަފުޅުތަކެލެވެ،" އެ ބަޔާނުގައިވެ އެވެ. "ރައީސް ނަޝީދުގެ ފުށުން ފެންނަމުންދާ އަމަލުތަކަކީ ކުރީގެ ރައީސްކަން އަދާކުރައްވާފައިވާ، ސިފައިންގެ ކޮމާންޑާ އިން ޗީފްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއްގެ ފުށުން ފެނިގެންދާ ވަރަށް ވުރެ ދަށުދަރަޖައިގެ އަމަލެއް ކަމަށް ދެކެމެވެ. އެފަދަ ވާހަކަތައް ދެއްކެވުމުގެ ކުރިން އެކަމާ ފުންކޮންވިސްނެވުމަށް އިލްތިމާސްކުރަމެވެ،"