ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 16 ޓަވަރާއި، އެ ސަރަހައްދުގެ އަމަން ބެލެހެއްޓުމަށް 56 ފުލުހުން ބޭނުންވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންގެ މައްސަލައިގައި، މިއަދު ބޭއްވި ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، 16 ޓަވަރުގައި 35،000އެއްހާ މީހުން ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެ ސަރަހައްދުގެ އަމަން އަމާންކަން ބެލެހެއްޓުން ފުރިހަމަ ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އަންދާޒާކޮށްފައިވަނީ ގާތްގަނޑަކަށް 56 ފުލުހަކު ހަމަ އެކަނި މި 35،000 މީހުންގެ އާބާދީ އޮންނަ މި 16 ޓަވަރުގެ ސަރަހައްދަށް ބޭނުންވާނެ ކަމަށް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ އަދަދަކީ ހަމައެކަނި ދެވަނަ ފިޔަވަހީގެ 16 ޓަވަރު ސަރަހައްދުގެ އަމަން އަމާން ކަން ބެލެހެއްޓުމަށް ބޭނުންވާ އަދަދުކަން ސީޕީ ހަމީދު ފާހަަގަ ކުރެއްވިއެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ސްޓޭޝަން ކުރުމަށް ހަތަރު ވަނަ ޓަވަރުގެ ފަންގިފިލާއެއް ހާއްސަކޮށްފައިވާކަން ފާހަގަކޮށް ސީޕީ ހަމީދު ވިދާޅުވީ، އެތަން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ހުޅުމާލެ ފުލުހުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ބައެއް ޓަވަރުތަކުގެ ފާރުގައި ލިޔެ ކުރަހާފައިވާ ތަސްވީރުތައް، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ފިލުވާފައިވާ ކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

"ބައެއް ކަހަލަ ވައްކަންތައް ވެސް ހިނގާތީވެ އެކަމާ ގުޅިގެން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މިދަނީ،" ސީޕީ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ޕޮލިސްގެ ހެޑް، ޗީފް ސްޕްރިޑެންޓް މުހައްމަދު ރަޝީދު ވިދާޅުވީ، ފްލެޓްތަކުގައި މިހާރު ވެސް މީހުން ދިރިއުޅެމުންދާ ކަމަށާއި އެހެން ކަމުން އެ ސަރަހައްދުގައި 24 ގަޑިއިރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.